10 Oct 2011, 17:46
އެތެރެވަރީގެ ގައުމުތަކުގެ ވެރިންނަކީ އަބަދުވެސް ވަރަށް ނާޒުކު ފައްތަރެއްގައި ތިއްބަވާ ވެރިންތަކެއް ކަމަށާއި އެއަށް ވުރެ ރިސްކް ބޮޑު އަށް ވެރިން ދުނިޔޭގައި ނުތިއްބަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ސާކްސަމިޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އައްޑޫ ސިޓީއަށް ފުރަން ހަމަޖެހިފައިވާ ސިފައިންނާ ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ ބައްދަލު ކޮށްލެއްވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރަހައްދުގެ ޓެރަރިޒަމްގެ މައްސަލަތަކަކީ އެންމެނަށް ވެސް ސާފުވެފައިވާ ކަމަށެވެ. އެހެންވީމާ ސިފައިންނަށް މިފަހަރު ބަލަހައްޓަން ޖެހިފައި މިވަނީ ދުނިޔޭގެ އެންމެ ރިސްކު ބޮޑު އަށް ވެރިން ކަމަށް ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
" އެތެރެވަރީގެ ގައުމުތަކުގެ ވެރިންނަކީ އަބަދުވެސް ވަރަށް ނާޒުކު ފައްތަރެއްގައި ތިއްބަވާ ބޭފުޅުން ކޮޅެއް، އެނގިވަޑައިގަންނަވާނެ އެތެރެވަރީގެ ޓެރަރިޒަމްގެ މައްސަލަތަކަކީ އަޅުގަނޑުމެނަށް އަބަދުވެސް ސާފުވެފައިވާ މައްސަލަތަކެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން އެހެން އޮތުމުން ސިފައިންގެ މަސައްކަތް އިތުރަށް ފުރިހަމަވާން ޖެހޭ ކަމަށާއި އަދި ސިފައިން އެކަން އެންމެ ފުރިހަމައަށް ބަލަހައްޓާނެ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައްޑޫއަތޮޅުގައި މިހާރު ހިނގަމުން އެދާ މަސައްކަތަކީ ހަމައެކަނި ސާކް ސަމިޓަށް ތައްޔާރުވުމުގެ މަސައްކަތް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށްޓަކައި އިތުރު ސިޓީއެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކުރުން އޮތެވެ. އަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް، ފަރުހަތު ޝަހީރު އެވެ.
ސާކްސަމިޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އައްޑޫ ސިޓީއަށްދާ ސިފައިން ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަދުވަހު އެވެ.