ގާނޫނީ އިމުގެ ތެރެއިން ހައްޔަރުކޮށްގެން ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީ އަށް ނިސްބަތްވާ 40 މީހުން ހައްޔަރު ކުރަން ލިސްޓެއް ހަދައިގެން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ 40 އެއް ނޫނޭ 50 މީހުން ވެސް ހައްޔަރު ކުރެވިދާނެ އޭ. އަޅުގަނޑުމެންގެ ޓީމަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެއޭ. ހަމަ ހައްޔަރު ކުރި ވަރަކަށް އަޅުގަނޑުމެންގެ ފޯރިވާނީ ގަދަ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހައްޔަރު ކުރާނެ ކަމަށް ވާހަކަ ދައްކަނީ ބިރުދައްކަން ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރެވޭނެ އެއްވެސް ގޮތެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެނެއް ނޫން އަބްދުﷲ ގާޒީ ހައްޔަރުކުރި ގޮތަށް ގާނޫނީ އިމުގެ ބޭރުން އަޅުގަނޑުމެން ގެންގޮސް ހައްޔަރުކުރެވިދާނެ. އެކަމަކު ގާނޫނުގެ ތެރެއިން އަޅުގަނޑުމެން ޓީމުގެ މީހަކު ހައްޔަރު ކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ." އަބްދުރަހީމް ވިދާޅުވި އެވެ.

ސަރުކާރުގައި އެބޭފުޅުން ހިންގަވާފައި އޮތް ނާޖާއިޒު އެއްވެސް ޖަރީމާއެއް ވެސް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔަ އިރު އެބޭފުޅުންގެ އިހުލާސްތެރިކަން ބަލާލި ކޮންމެ ދިމާލަކުން ފެންނަން އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރު ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އިއްޔެ ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަ ކުރުމުގެ ދައުވާއާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޕީޕީއެމުން ބުނާ ގޮތުން ޔާމީން ބަންދު ކުރީ އުސޫލުތަކާއި ހިލާފަށެވެ.