މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޭސީސީ އިން ނެރުނު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޯޓާ ގުޅިގެން ބައެއް ފަރާތަތަކުން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާކަމަށް ބުނެ، އޭސީސީ އިން އިއްޔެ ވަނީބަޔާނެއް ނެރެފަ އެވެ.

އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމްއެއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ލިބިފައިވާ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު)ގައި މަނީ ލޯންޑަރިން އަދި ޓެރެރިޒަމަށް ފައިނޭންސްކުރުމަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން އެސްޓީއާރު ރިޕޯޓުން އެނގެން އޮތް ކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެ މައްސަލަ ދައުވާ ކުރުމަށް ފޮނުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"[އެމައްސަލަ]ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކަށް ފޮނުވައިފައި ނުވަނީ، ވަކި ފަރާތެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް މި ކޮމިޝަނުގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން ފާހަގަ ކުރެވޭތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ނިންމައި، އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމަށް ކޮމިޝަނުން [ނިންމައިފިން]،" އޭސީސީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެސްޓީއާރު ރިޕޯޓުން ފާހަގަވި ކަންތައް ތަހުގީގު ކުރުމަށް އޭރުގެ ގަވަރުނަރު ބޭނުން ނުވި!

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީ އިން ތަހުގީގުކޮށް އާންމުކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެފްއޭޔޫގެ އޭރުގެ ހެޑް އިބްރާހިމް އާޠިފް ޝަކޫރު އޭސީސީ އަށް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެމްއެޕްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓްގެ އެސްޓީއާރެއް ހެދި ކަމަށެވެ. އަދި އެ އެސްޓީއާރުގެ ރިޕޯޓުން ދެއްކި ގޮތުގައި ވަރަށް ބޮޑެތި އަދަދުތަކުގެ، ބައިވަރު ޓްރާންސެކްޝަންތަކެއް ހަދައި، އެ ޓްރާންސެކްޝަންތައް ހިނގަނީ ކިނެއްތޯ، އަދި ފައިސާތައް ދަނީ ކޮންކޮން އެކައުންޓްތަކަކަށްކަން އެސްޓީއާރު ރިޕޯޓުން އެގެން އޮތް ކަމަށެވެ.

އެމައުލޫމާތު އާޠިފް އޭރުގެ ގަވަރުނަރަކަށް ހުންނެވި އަޒީމާ އާދަމާ ހިއްސާކުރެއްވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެފްއައިޔޫ އަކީ އެންމެ ހަތަރު މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޔުނިޓެއް ކަމަށާއި "މިވަގުތު ބަލާނީ" ބޭރު ގައުމުތަކުން ހިންގާ ވަގު ފައިސާ (ބްލެކް މަނީ)ގެ ޓްރާންސެކްޝަންތައް ކަމަށް އަޒީމާ އޭރު ވިދާޅުވި ކަމަށް، އާޠިފް އޭސީސީ އަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމްއެމްއޭގެ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް -- ފޮޓޯ: ރައީސް އޮފީސް

"ބްލެކް މަނީ ނޫން އެހެން އެއްޗިއްސާއިގެން އުޅުމަށް މި ވަގުތު ރިސޯސްއެއް ނެތްކަމަށް ގަވަރނަރު ވިދާޅުވި ކަމަށާއި އަދި އެމްއެމްޕީއާރުސީ އާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ބޭރު ފައިސާ ގަނެވިއްކުމަށް އެއްބަސްވުމެއް ނުހަދާންވީ ސަބަބެއް ވެސް ނެތްކަން ނޭނގޭ ނޫންހޭ ވެސް ގަވަރނަރު ވިދާޅުވި" އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް އާޠިފް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީ އިން އެމްއެމްއޭގެ އޭރުގެ އިސްވެރިންނަށް ދައުވާ ކުރުމަށް ނިންމާފައިވާ އިރު، އޭސީސީގެ ނައިބު ރައީސް މުހައްމަދު މުއައްވިޒު މިއަދު "ސަން" އަށް ވިދާޅުވީ، އެކަމާ ގުޅިގެން ދައުވާ ކުރަން ނިންމި ކަމުގައިވީ ނަމަވެސް އަދި މިހާތަނަށް ދައުވާ ކުރަނީ ކޮންފަރާތްތަކާ ދެކޮޅަށް ކަމެއް އަދި ނުނިންމާ ކަމަށެވެ.

އޭސީސީ އިން ނެރުނު ތަހުގީގު ރިޕޯޓާ ގުޅިގެން ބަޔެއް ފަރާތްތަކުގެ ފާޑުކިޔުން އޭސީސީ އަށް އަމާޒުވެފައިވާ އިރު، އޭސީސީ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ސިއްރު ކޮށްފައި ނުވާނެ ކަމަށެވެ.