10 Oct 2011, 17:01
ހޯރަފުށީ ހުސޭނުބޭ މަރާ ގުޅިގެން ތުހުމަތު ކުރާ ތިން މީހުންގެ ތެރޭގައި ހިމެނޭ ހޯރަފުށީ ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އުންމީދީ މަންޒިލް އަހުމަދު އިބުރާހިމްގެ މައްޗަށް ދައުލަތުން ކުރާ ޖަމާއަތް ހަދައިގެން ވައްކަންކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންނަކީ މަންޒަރު ދުށް ބަޔަކަށް ނުވާތީ އިތުރު ހެކިންގެ ބަސް ނެގުމަކީ ކޯޓުގެ ވަގުތު ބޭކާރުވެގެންދާނެ ކަމަކަށާއި ދެން އިތުރު ހެކިން ހާޒިރު ނުކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ވައްކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުކުރުމަށް ގިނަ އަދަދެއްގެ ހެކިން ޝަރީއަތަށް ހުށަހަޅާފައެވެ. ނަމަވެސް ތިން މީހެއްގެ ހެކިބަސް ނެގުމަށްފަހު ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކީންނަކީ މަންޒަރުދުށް މީހުންނަށް ނުވާތީ މިއަދު ހެކިބަސް ނެގި ހެކިންގެ އިތުރުން އެއްވެސް މީހެއްގެ ހެކިބަސް ނުނަގާނެކަމަށެވެ. އަދި ވިދާޅުވީ އެއީ އިއުތިރާފްގެ މައްޗަށް ބިނާކޮށް ދައުވާކޮށްފައިވާއިރު ދައުވާ ލިބޭ ދެ މީހުން އެ އިއުތިރާފުން ރުޖޫއަވެފައިވާތީ ކަމަށެވެ.
ދައުލަތުން މިއަދު ނުއުމާނުގެ މައްޗަށް ހުށަހެޅި ފުރަތަމަ ހެކިވެރިޔާ ބުނީ އޭނާގެ ރައްޓެހިންނާއެކު އެރަށު ސައިމާގޭ ކައިރީ ތިއްބާ ނުއުމާން ގޮސް އެންމެނާއި ދިމާލަށް "އަހަރެންނަށް ކަމެއްވެއްޖެއްޔާ ދެންވާނެގޮތެއް ނޭނގޭނެކަމަށް" ބުނެފައިވާ ކަމަށެވެ. އަދި ނުއުމާން އެހެން ބުނެފައިވަނީ އެމީހުން ބާރަށް ސައިކަލް ދުއްވާތީކަމަށް ދެކޭ ކަމަށް ބުންޏެވެ.
ނުއުމާނުގެ މައްޗަށް ދައުލަތުން ހެކި ދިން ދެވަނަ މީހާ ބުނީ ނުއުމާން ނެގި ސައިކަލް ރޯކޮށްލީ ހޯރަފުށީ ހަރުމަލުގޭ މުހައްމަދު ރަޝީދު ބުނެގެން ކަމަށް ތަހުގީގަށް ފުލުހުންނަށް ދިން ހެކިބަހުގައި ނުއުމާން ބުނެފައިވާކަމަށެވެ. ނަމަވެސް ނުއުމާން ބުނީ ފުލުހުންގެ ތަހުގީގުގައި އޭނާ އެހެން ބުނީ މަޖުބޫރުވެގެން ކަމަށާއި، ފުލުހުން އޭނަލައްވާ އެހެން ބުނުވަން އަނިޔާކޮށްފައިވާ ކަމަށެވެ.
އަހުމަދުގެ ހެކިވެރިޔާ ބުނީ އޭނަގެ ރައްޓެހިންނާއިއެކު އެރަށު ބޭސްފިހާރަކައިރީ ހުއްޓާ ނުއުމާން ސައިކަލް މައްސަލަ ޖެހިގެން އެ މީހުންނާއި ދިމަލާށް "އަހަރެންނަށް އުނދަގޫ ވެއްޖެއްޔާ ބުނާކަށް ނަހަދާނަން" މިހެން ބުނެފައިވާކަމަށެވެ. ނަމަވެސް ޖެހުނީ ކޮންކަހަލަ މައްސަލައެއްކަމެއް އޭނާ ނުބުނެއެވެ. ނަމަވެސް އަހުމަދު ބުނީ ހެކިބަސްދިން މީހާ ނުދެކޭކަމަށާއި، އަދި އެހެން ބުނެފައި ނުވާނެކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުގައިވެސް އެގޮތަށް ބުނެފައިވާނެކަމަށްވެސް ބުންޏެވެ.
މިއަދުގެ ޝަރީއަތް ގާޒީ ނިންމަވާލެއްވީ މި މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް މިމަހުގެ 31 ވާ ހޯމަދުވަހު އޮންނާނެކަމަށް އިއުލާން ކުރައްވަމުންނެވެ.