19 Feb 2019, 14:47
ވ. އަތޮޅު ރަކީދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރެއްވި އެވެ. މިގޮތުން، ރަށުގެ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކޮށްލެއްވުމުގައި، މި ސަރުކާރުން ކުދި އާބާދީތަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، އެއްފަސްކުރުމާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވެވި އެވެ.
އެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދު ވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.