ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްވަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގެ ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރު އެމަނިކުފާނުގެ ލޯޔަރުން ހައި ކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިއަދު މެންދުރު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވަ އުފުލާފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކޮށްފައި ބެހެއްޓުމަށް އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަނީ ހުކުމް ކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި އިއްޔެ ބޭއްވި ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަމަށް ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، އެ މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް ކަމަށާއި ކޮމްޕިއުޓަރުގައި ރައްކާ ކޮށްފައި ހުންނަ އެ ބާވަތުގެ ތަކެތި ބަދަލު ނުކުރެވޭނެ ކަމަށެވެ.

އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެމަނިކުފާނަކީ ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރިޝްވަތު ދީގެން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.