ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ)އިން ދީފިއެވެ.

މޯލްޑިވިސް ރިފޯމް މޫވްމެންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނަށެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅިގެން އީސީން ނުކުމެވަޑައިގަތް މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ޕާޓީއަކީ ރައީސް މައުމޫން ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އުފައްދާ ޕާޓީއެއް ކަމަށެވެ.

"އެ ޕާޓީގެ މައިގަނޑު މަގުސަދަކަށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދަމަހައްޓާ މި ކޯލިޝަން ސަރުކާރު ދެމެހެއްޓުން،" އެމްއާރުއެމް އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ފިކުރަކީ ފަހަކަށް އައިސް އުފެދުނު ފިކުރެއް ނޫން ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ދިމާވި އެކި ކަންތައްތަކާއި ގުޅިގެން އެފިކުރު ވަނީ ވަރަށް ބޮޑަށް ރޫޅިފައި ކަމަށެވެ.

"އެހެންވީމަ އަލަށް މި އުފެދޭ ޕާޓީގެ އެއް މަގުސަދަކަށް ވާނީ އަނެއްކާވެސް އަޅުގަނޑުމެން އެންމެން އެކީގައި މި ރޫޅި ވިއްސި ވިހާލިވެފައިވާ ބައިތައް ވެސް އެއްކޮށް ހަމަ ވަރަށް ވަރުގަދަ ސިޔާސީ ފިކުރެއްގެ ގޮތުގައި އެމްއާރުއެމްގެ ފިކުރު ކުރިއަށް ނެރުން،" ރައީސް މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވިދާޅުވީ، އެ ޕާޓީ ވެގެންދާނީ ކަނބަލުންނަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަކީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން މަސައްކަތުގެ މާހައުލުގެ ހަމަހަމަކަމާއި އެކު އުޅެވޭނެކަން ސާބިތު ކޮށްދޭނެ ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން ހެދުމަށްޓަކައި މިހާރު ފިޔަވަޅު މިނެގީ،" ނާދިރާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މައުމޫން ވަނީ އިސްކޮށް ހުންނަވައިގެން ދެ ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދެވީ ޑީއާރުޕީ އެވެ. ޑީއާރުޕީން ވަކިވެ ވަޑައިގަތީ އޭރު އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި އަހްމަދު ތަސްމީން އާލީ އާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ. އަދި ފަހުން އުފެއްދި ޕީޕީއެމްއިން އެމަނިކުފާނު ދުރަށް ޖެހިވަޑައިގަންނަވަން ޖެހުނީ ކޮށްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހިޔާލު ތަފާތުވުމުންނެވެ.