10 Oct 2011, 16:08
ސައިޒް އޮޅިގެން ނޫޅުއްވުމަށް، އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދަށް، ހަމަ އެ ޕާޓީގެ ޕާލަމެންޓްރީ މެންބަރު ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު (ކާނަލް) ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިންޒާރު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ ވަހީދާއި ކާނަލާ ދެ މީހުންގެ ދެމެދުގައި ހިތްހަމަނުޖެހުން ބޮޑުވެ ޒުވާބަކަށްދާން ދިމާވީ، ގައުމީ ސަލާމަތާބެހޭ ކޮމިޓީން ހުށަހެޅި، އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމުގެ މައްސަލައިގެ ރިޕޯޓްގެ ބަހުސްގައި ރިޔާސަތުން ކާނަލަށް ދެއްވި ފުރުސަތަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ދިން ފުރުސަތެއްކަމަށް އަލީވަހީދު ވިދާޅުވުމާ ގުޅިގެން އެ ފުރުސަތު ރިޔާސަތުން ކެންސަލް ކުރުމުންނެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޕޯޓަށް ބަހުސް ކުރުމަށް ފުރުސަތު ދެވޭނީ ކޮންމެ ޕާޓީއަކުން ކަނޑައަޅާ އެއް މެންބަރަކަށާއި އަމިއްލަ މެންބަރުންގެ ތެރެއިން މެންބަރަކަށެވެ. ނަމަވެސް ރިޔާސަތުގައި އެވަގުތު އިންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު ކާނަލަށް ފުރުސަތު ދެއްވީ، އެމްޑީޕީއަށް ދިން ފަސް މިނިޓްގެ ފުރުސަތުގައި މެންބަރަކު ވާހަކަ ދެއްކެވި ނަމަވެސް އެ ފަސް މިނިޓް ހަމަ ނުވެ އިތުރު ވަގުތު އޮތުމުންނެވެ. އެ ފުރުސަތުގައި ކާނަލް ވާހަކަ ދައްކަވަން ފެއްޓެވުމާއެކު ނިޒާމީ ނުކުތާއެއް ނަންގަވައި އަލީ ވަހީދު ވިދާޅުވީ، މަޖިލީހުގެ އުސޫލާ ހިލާފަށް އެއްވެސްކަމެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ރިޔާސަތުން ކާނަލަށް ފުރުސަތު ނުދެއްވުމަށް ނިންމެވި އެވެ.
އެ މައްސަލައިގައި ހިތްހަމަ ނުޖެހިގެން އަޑުގަދަ ކުރައްވައި ކާނަލް ވިދާޅުވީ، ތޮއްޑޫ ދާއިރާގެ މެންބަރު ކުރުގަޅުވާލައިގެން ރިޕޯޓްތަކެއް މަޖިލީހަށް ގެނައުމުން އޭނާގެ ނާގާބިލުކަން ފޮރުވުމަށްޓަކައި މަސައްކަތްކުރަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެހެން މީހުންނަށް ލިބޭ ފުރުސަތުތަކަށް ބޭނުންހާ ގޮތަކަށް އަރައިގަންނަށް މަސައްކަތް ނުކުރުމަށެވެ.
"އޭނާގެ ނާގާބިލުކަން ފޮރުވުމަށްޓަކައި ގަވާއިދާ ހިލާފަށް އަޅުގަނޑުމެން ކަންތައްތައް ކުރިއަށްގެންދާކަށް ނުޖެހޭ. ހަގީގަތަކީ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ގިނަ ކަންތައްތައް ނިމިފަ އޮތީ އަލީ ވަހީދު އެންމެ 25 މިމިނިޓް ބަހުސްކޮށްފައި ނިންމާފައި. އދ. ގެ ސުލްހަ ބަލައްހައްޓާ ފައުޖުގައި ސިފައިން ބައިވެރި ކުރުވުމަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ މިންގަޑުން ފަހަނައަޅައި ދިޔައިމަ މަޖްބޫރުވެގެން ކުރާކަމެއް. އެކަމަކު އެކަމަށް ރިއާޔަތް ކޮށްފައެއްނުވޭ" ކާނަލް ނަޝީދު ވިދާޅުވި އެވެ.
ނަޝީދަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، މަޖިލީޙުގެ ގަވާއިދު މުގުރާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރިޔާސަތަށް އަރުއްވައިފަ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"ކާނަލް ކިތަންމެ ހިތްހަމަ ނުޖެހުނަސް މަޖިލިސް ހިނގާނީ ގަވާއިދާ އެއްގޮތަށް. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނޫނީ އެއްކަމެއްވެސް ނުކުރެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.