ގާހިރާ (ފެބްރުއަރީ 19): މިސްރުގެ ގާހިރާގައި ހުންނަ އަލް އަޒްހަރު މިސްކިތް ކައިރީ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ދެ ފުލުހުން މަރުވެއްޖެ އެވެ.

މިސްރުގެ ދާހިލީ ވުޒާރާއިން ބުނި ގޮތުގައި އެހަމަލާގައި ހަމަލާ ދިން މީހާއާއި ދެ ފުލުހުން މަރުވުމުގެ އިތުރުން ތިން ފުލުހުންނަށް އަނިޔާވި އެވެ. އެ ވުޒާރާއިން ބުނި ގޮތުގައި އެހާދިސާ ހިނގީ، މިދިޔަ ހުކުރު ދުވަހު ޖީޒާގައި ބޮމުގެ ހަމަލާއެއް ދޭން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރަން އުޅެނިކޮށެވެ.

"ފުލުހުން އޭނާ ހައްޔަރު ކުރަން އުޅެނިކޮށް އޭނާގެ އަތުގައި އޮތް އެއްޗެއް ގޮވީ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިއްޔެގެ ހަމަލާގައި އަޒްހަރު މިސްކިތް ކައިރީ ހުންނަ ބައެއް ފިހާރަތަކަށް ގެއްލުންވެފައިވެ އެވެ. އެސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކުރާ، އަދި ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެކެވެ.

ދެ ހާސް އެގާރަވަނަ އަހަރު މިސްރުގައި އޮތް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލި ފަހުން އެގައުމުގައި ދޭ ހަމަލާތައް ގިނަވެ، ގައުމުގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ލޮޅުމެއް އެރި އެވެ. ނަމަވެސް މިހާރު އެގައުމުން ދަނީ އާ އާކިއޮލޮޖިކަލް ހޯދުންތައް އިޝްތިހާރުކޮށް، އެފަދަ ސަރަހައްދުތަކުގައާއި އެއާޕޯޓުތަކާއި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ފަހު ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ގައުމީ ތަފާސް ހިސާބުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އެގައުމަށް ދިޔައީ 5.3 މިލިއަން ފަތުރުވެރިން ކަމަށްވީ ނަމަވެސް 2017 ވަނަ އަހަރު އެއަދަދު ވަނީ 8.3 މިލިއަނަށް އިތުރުވެފަ އެވެ.