ސިޔާސީ މަގުސަދުތަކަށްޓަކައި ފަނޑިޔާރުގެޔަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުގެ މިނިވަނެއް ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ސިޔާސީ ނުފޫޒު ފަނޑިޔާރުގެއަށް ވަނުން ހުއްޓުވަން ޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ދެހާސް ހަތްވަނަ އަހަރު އިނގިރޭސިވިލާތުގެ ޗީފް ޖަސްޓިސް ފިލިޕް އޮފް ވޯތު މެޓްރެވާސް ކެންޔާގެ ނައިރޯބީގައި އޮތް ކޮމަންވެލްތު ލޯ ކޮންފަރެންސުގައި ދެއްވި ހިތާބަކާ ހަވާލާދީ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސިޔާސީ ލީޑަރުން ފަނޑިޔާރުގެ ކޮންޓްރޯލުކުރަން މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުގެ މިނިވަނެއް ނުވާނެ ކަމަށެވެ.

"ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ފަނޑިޔާރުގެ ކޮންޓްރޯލުކޮށް، ފަނޑިޔާރުގޭގެ އަގު ވައްޓާލައި، ފަނޑިޔާރުގެ ކޮންޓްރޯލުކުރަން މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރުގޭގެ މިނިވަންކަން ފުރިހަމައެއް ނުވާނެ. ދައުލަތު ކަންކަމާ ހަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުންނާއި ގާނޫނީ ވަކީލުން ފަދަ ފަރާތްތަކުން ކޯޓުތަކުގެ ހުރުމަތް ކެނޑުމަކީ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރުން ހިތްވަރުދޭ ކަމަކަށް ވެއްޖެނަމަ ފަނޑިޔާރުގެ ތަރައްގީވުމަށް ހުރަސް އެޅޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނުފޫޒާއި ބާރު ލިބިގެންވާ ފަރާތްތަކުން އެ ފަރާތްތަކަކީ ގާނޫނަށް ވުރެ މަތީގައި ތިބި ބައެއްކަމަށް ދެކިގެން އުޅޭ ނަމަ ގާނޫނުގެ ހުކުމް ބަލިކަށިވާނެ ކަމަށެވެ.

"ދައުލަތުގެ ބާރުވެރިންނާއި، މަތީ މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ލީޑަރުންނާއި މުއްސަނދިންނާއި އަދި އެހެނިހެން ގޮތްގޮތުން ބާރާއި ނުފޫޒު ލިބިގެންވާ މީހުންނީ ތިމާމެންނަކީ ގާނޫނަށް ވުރެ މަތީގައި ތިބޭ ހާއްސަ އިނާޔަތްތަކާއި ހާއްސަ އިސްތިސްނާތަކެއްގެ ފައިދާ ލިބޭ އަދި ލިބެންޖެހޭ ބައެއް ކަމަށް ދެކިގެން މަސައްކަތް ކުރާނަމަ ގާނޫނުގެ ހުކުމް ބަލިކަށިވެ އާހިރުގައި ނެތިގެންދޭ،"

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިނިވަން ފަނޑިޔާރުގޭގެ ތަޅުދަނޑި އަކީ ތައުލީމީ ނަޒާހަތްތެރި، އަހުލާގު ފުރިހަމަ ގޮތެއްގައި ހުރި މީހުން ފަނޑިޔާރުގެއަށް ލެވޭނެ ގޮތަށް ނިޒާމު ހިނގަމުން ދިޔުން ކަމުގައެވެ.

"އެ ނިޒާމަކީ ސިޔާސީ ބޭފުން ތިއްބަވާ ސިޔާސީ ޕާޓީތަކާއި ބޭފުޅުންގެ މަސްހަލަތަށްޓަކައި ހިންގާ ނިޒާމަކަށް ވެއްޖެ ނަމަ މިނިވަން ފަނޑިޔާރުގެއެއް ނޯންނާނެ،"

ކޮމަންވެލްތުގެ "ލެޓިމާ ހައުސް ގައިޑްލައިން އޮން ޕާލިމެންޓަރީ އެންޑް ޖުޑިޝަލް އިންޑިޕެންޑެންސް"އާ ހަވާލާދި މިއަދު އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ ސިޔާސީ މަރުހަލާއެއްގެ ތެރެއިން ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުން ވަކި ކުރަނީ ސިޔާސީ ޕާޓީތަކާއި ބޭފުޅުންގެ ބާރާއި ނުފޫޒު އޮންނަ މުއައްސަސާތަކުން ކަމަށް ވާނަމަ އެ ފަރާތްތަކުގެ ނުފޫޒުން ފަނޑިޔާރުންގެ މަސައްކަތަށް ދަތިވާނެ ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމުގެ އިތުރުން، ފަނޑިޔާރުންނަކީ އަމިއްލަ ފުދުންތެރިކަމުގައި އެއްވެސް ބަޔަކަށް ބަރޯސާ ނުވެ އުޅެވޭނެ މަގުފަހިކޮށްދީފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.