19 Feb 2019, 11:50
އަދުލު އިންސާފަކީ ވަކީ މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އެވެއްޖެ ނަމަ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުވެގެން ނުދާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ކޮންފަރެންސް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ޖުޑިޝަލް ކޮންފަރެންސް ފަދަ ކޮންފަރެއްންސްތަކުގެ މަގްސަދަކީ ރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ.
އަދި ފަނޑިޔާރުގެ މިނިވަންވާނެ ގޮތަށް އެ ކޮންފަރެންސްގައި މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގަތެވެ.
"އަޅުގަނޑު މި ފުރުސަތުގައި ފަނޑިޔާރުގޭގެ އެންމެހާ ފަނޑިޔާރުންގެ އަރިހުން ނުހަނު އިހުލާސްތެރިކަމާއެކު އެދޭ އެދުމަކީ މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު ހަރުދަނާ އިލްމީ އަސާސްތަކުގެ މައްޗަށް އަދުލު އިންސާފު ގާއިމްކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުން،" ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފަނޑިޔާރުގެ އިސްލާހުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފަނޑިޔާރުންކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ ފަނޑިޔާރުގެ މިނިވަންކޮށް އިސްލާހުކުރުމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވުމަށް އެދޭ ކަމަށެވެ.
މިއަދު ފެށުނު ޖުޑިޝަލް ކޮންފަރެންސް ކުރިއަށް ގެންދާނީ ދެ ދުވަހުގެ މުއްދަތަށެވެ. ޖުޑިޝަލް ކޮނަފަރެންސްގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރަށް ޝަރުއީ ދާއިރާ ހިނގާނެގޮތުގެ ސްޓްރެޓެޖިކް ޕްލޭންއެއް އެކުލަވާލަން ވަނީ ނިންމާފައެވެ.