ވޭތުވެ ދިޔަ އަހަރު ރޯމާ އަތުން ލިބުނު ބޮޑު ނާކާމީޔާބީއިން ބާސެލޯނާ އިބްރަތް ހާސިލްކޮށް މިރޭގެ މެޗުގައި އެކަން ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ސްޕޭންގެ އެންމެ މަގުބޫލް އެއް ޓީމު ކަމަށްވާ ބާސެލޯނާއާއި ރޯމާ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ބައްދަލުކޮށް ފުރަތަމަ ލެގު ބާސެލޯނާ ކާމިޔާބު ކުރީ 1-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު ސެމީ އަށް ދިޔައީ ކަމަށް ޔަގީންކޮށް ދެވަނަ ލެގަށް ބާސެލޯނާ ނުކުތީ މެޗު ފަސޭހައިން ކާމިޔާބު ކުރުމަށެވެ. ނަމަވެސް އެ މެޗުގައި އެންމެން ހައިރާން ކޮށްލުމަށް ފަހު ބާސެލޯނާ ކޮޅަށް ތިން ގޯލު ޖަހައި އެ ޓީމު ކަޓުވާލުމަށް ފަހު ސެމީއަށް ދަތުރު ކުރީ ރޯމާއެވެ.

ބާސެލޯނާގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ލިއޮނެލް މެސީއާއި ޖޯޑީ އަލްބާ --- ފޮޓޯ/ ލައިވްސްކޯ ނިއުސް

މިރޭ ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓްގެ ބުރަށް ނުކުންނާނީ ފްރާންސް ގެ ލިއޮންއާ ދެކޮޅަށެވެ. މި މެޗަށް ބާސެލޯނާގެ ޓީމު ނުކުންނަ އިރު ޓީމުގެ ފޯމާ ދޭތެރޭ ގިނަ ސުވާލު ތަކެއް އުފެދިފައިވާ އިރު ޓީމުގެ ކޯޗު ބުނީ މިރޭގެ މެޗު ފަސޭހަކޮށް ނުލާނެ ކަމަށާއި މާޒީ އިން އިބްރަތް ލިބި ޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ކަމަށެވެ.

"ފުރަތަމަ ލެގުގައި ދެވެން އޮތް ސަތޭކެ ޕަސެންޓު ދީ މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމެއް. މިދިޔަ އަހަރު ރޯމާއާ ކުޅެން ޖެހުމުން މެޗު ފަސޭހަ ކޮށްލި ގޮތަށް މިރޭގެ މެޗުގައި ފަސޭހަކޮށް ނުލާނަން. މި މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރު ވެފައި،" ވަލްވާޑޭ ބުންޏެވެ.

މީގެ އިތުރުން ބާސެލޯނާ މިރޭ ބައްދަލު ކުރާ ލިއޮންގެ ކެޕްޓަން އަދި އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނަބީލް ފަކީރް މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެއެވެ. އަދި އެކަމުގެ ފައިދާ ބާސެލޯނާއިން ހިފާނެ ކަމަށް ކޯޗު ވަލްވާޑޭ ވަނީ ބުނެފައެވެ.