އިސްލާމްއާބާދު (ފެބްރުއަރީ 19): ގޫގުލްއިން "ދުނިޔޭގެ އެންމެ މޮޅު ޓޮއިލެޓް ޕޭޕާ" ސާޗް ކުރުމުން ޕާކިސްތާނުގެ ގައުމީ ދިދައިގެ ފޮޓޯތައް ފެންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެއީ މިދިޔަ ހަފްތާފައި ކަޝްމީރުގައި ދިން ހަމަލާއެއްގައި އިންޑިއާގެ 44 ސިފައިން މަރުވުމާ ގުޅިގެން، އެ ހަމަލާއަކީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށް ގަބޫލު ކުރާ ބަޔަކު ކުރި ކަމެކެވެ.

ގޫގުލްއިން ނެރުނު ބަޔާނެއްގައި ވަނީ އެމައްސަލަ ބަލަމުންދާ ކަމަށާއި ނަމަވެސް "ދުނިޔޭގެ އެންމެ މޮޅު ޓޮއިލެޓް ޕޭޕާ" ސާޗް ކުރުމުން ގޫގުލް އިން ދައްކާ ފޮޓޯތަކުގައި ޕާކިސްތާނުގެ ދިދަ އެންމެ ގިނައިން ފެންނަ ގޮތަށް ހަދާފައިވާ ކަމުގެ ހެއްކެއް ނުފެންނަ ކަމަށް ބުނެފަ އެވެ.

އަދި ގިނަ އަދަދެއްގެ ނޫސްތަކުން އެ ހަބަރު ރިޕޯޓު ކުރި އިރު ބޭނުންކޮށްފައި ވަނީ ދުވަސްވީ ސްކްރީންޝޮޓެއް ކަމަށާއި އެއީ 2017 ވަނަ އަހަރުވެސް އާއްމުވި ސްކްރީންޝޮޓެއް ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ގޫގުލްއިން ބޭނުން ކުރާ އަލްގޮރިދަމްގެ ސަބަބުން، އެފަދަ ސްކްރީންޝޮޓްތަކާއި "ޓޮއިލެޓް ޕޭޕާ އާއި ޕާކިސްތާން ދިދަ" އެއްކޮށް ލިޔެފައިވާ ލިޔުންތައް ގިނަވުމުން، ޓޮއިލެޓް ޕޭޕާ ސާޗް ކުރުމުން ފެންނަ ފޮޓޯތަކުގެ ތެރޭގައި ޕާކިސްތާންގެ ދިދަ ފެނުމުގެ ފުރުސަތު ބޮޑުވާނެކަމަށް ވެސް ގޫގުލްގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިންވެސް ގޫގުލް ސާޗް ރިޒަލްޓްސްއާ ގުޅުން ހުރި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން "ދުނިޔޭގެ އެންމެ ބޮޑެތި 10 ކުށްވެރިން" ސާޗް ކުރުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯއެއް ފެންނަ މައްސަލަ 2016 ވަނަ އަހަރު ހޫނުވި އެވެ.