10 Oct 2011, 16:01
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ޅިޔަނު އަދި ކުރީގެ ސަރުކާރުގެ އެކި މިނިސްޓަރުކަން ކުރައްވާފައިވާ އިލްޔާސް އިބްރާހިމްގެ (ނ ޢ ޢ ވ) ކުންފުނިތަކުގެ މައުލޫމާތު ހޯދައި އެ ކުންފުނިތަކުގެ މިލްކިއްޔާތު ސަރުކާރަށް ނެގުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު މުހައްމަދު ރިޔާޒު ހުށަހަޅުއްވި، ކުންފުނީގެ ބިލްގެ ބަހުސްގައި ކުރީގެ ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ތަކުރާރު ކުރައްވަމުން މޫސަ ވިދާޅުވީ އިލްޔާސް އިބްރާހިމަކީ ވެސް ދައުލަތުގެ މުދަލަށް ހިނާޔަތްތެރިވެފައިވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ނުއަގުގައި ނުހައްގުން މާލޭގެ ގިނަ ބިންތަކެއް އިލިޔާސް ހޯއްދަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސީދާ އިލިޔާސް އިބްރާހިމަށް ފައިދާވާ ގޮތަށް ސަރުކާރުގެ ކުންފުނިތަކެއް ހިންގާފައިވާ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ، 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ދެން ސިޔާސީ މައިސާނަށް ނުނުކުންނަވާނެ ކަމަށް އިލިޔާސް ވިދާޅުވި ނަމަވެސް ޕީޕީއެމަށް މިހާރު ސޮއިކުރައްވާފައިވާ އިލްޔާސް އިބްރާހިމް ސިޔާސީ މައިދާނަށް އަލުން ނުކުންނެވުމަށް ތައްޔާރުވަމުން ގެންދަވާއިރު، އެފްޕީއައިޑީގެ މައްސަލަ ފަދަ ކޮރަޕްޝަން މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭނެ ކަމަށެވެ.
މޫސަގެ ވާހަކައަށް ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ރައްދު ދެއްވައިފަ އެވެ.
މަހްލޫފު ވިދާޅުވީ، ކުންފުނީގެ ކަންތައް އިނގޭނީ އޭނާއަށް ކަމަށް މޫސަ ވިދާޅުވާއިރު އެއީ ތެދެއްކަން ހެވީލޯޑްގެ މައްސަލައިން އެނގޭ ކަމަށެވެ. އަދ ހެވީ ލޯޑަށް 21 މިލިޔަން ޑޮލަރުގެ މަސައްކަތް ދީފައިވާ ކަމަށާއި ސަރުކާރުގެ އެތައް މަސައްކަތްތަކެއް އެގޮތަށް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. ޒާތީގޮތުން އެހެން މީހުންނަށް ނިސްބަތްކޮށް މީހުން މަރާ ވާހަކަ އާއި ވައްކަން ކުރާ ވާހަކަ މޫސަ ދައްކަވާއިރު އެ ހުރިހާ ވާހަކައެއް އެނބުރިގެން އަންނަނީ މޫސައާ ދިމާއަށްކަން ވިސްނާވަޑައިގަތުން ރަނގަޅުވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.
"އެމްޑީޕީއަށް އެންމެބޮޑު ގެއްލުމެއް ވަމުންދަނީ މޫސަގެ ސަބަބުން. ސަރުކާރުގައި ހިންގާ ކޮރަޕްޝަންގެ އެންމެ ބޮޑެތި މައްސަލަތައް ހިންގާ ފަރާތަކީ މޫސާ މަނިކުކަން ތިމަރަފުށީގެ މެންބަރު މުސްތަފާއަށް ވަރަށް ރަނގަޅަށް އެނގޭނެ،" މަހްލޫފު ވިދާޅުވި އެވެ.
ސަލީމްގެ ވާހަކާގައި، އިލިޔާސް އިބްރާހިމް ވައްކަން ކުރި ކަމަށް ބުނެ ވާހަކަ ދައްކަވާއިރު، މި ސަރުކާރަށް އެމައްސަލަ ޝަރީއަތަށް ހުށަނޭޅޭންވީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ.
"މި ސަރުކާރަށް ތިން އަހަރުވީއިރު މައުމޫނުތޯ މި ސަރުކާރު ހިންގަނީ. (އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރު މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ) މާރިޔާގެ ފިރިމީހާ މި ހުރިހާ ވައްކަމެއްކުރީ. އިލިޔާހެއް ނޫން އެހެންވެ ފިޔަވަޅު ނޭޅެނީ. ތިން އަހަރު ދުވަސްވެގެން ދިޔައިރު އެކަމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް ނަޝީދު، މައުމޫނެއް ނޫން. ހުރިހާ ވަގުން ހިމާޔަތް ކޮށްފައިވަނީ މި ސަރުކާރުން. މި ސަރުކާރުގެ ދެ އަހަރު، ތިންއަހަރުގެ ތެރޭގައި ކުރި ވައްކަން މާބޮޑު" ސަލީމް ވިދާޅުވި އެވެ.