19 Feb 2019, 09:36
ރާއްޖެ އަށް ކަނޑުމަގުން މުދާ އެތެރެކުރާ ފަރާތްތަކުން އެމްޕީއެލް އިން ނަގާ އަގުތައް އެ ކުންފުނިން އާންމުކޮށްފި އެވެ.
އެމްޕީއެލް އިން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން އެޖެންޓުންނާއި ބްރޯކަރުން އަދި ފްރެއިޓް ފޯވާޑާސް އެމްޕީއެލް އަށް ދައްކަން ޖެހޭ ފީތަކެއްގެ ގޮތަށް ދޭހަވާ ގޮތަށް ތަފާތު ނަންނަމުގައި ފީތަކެއް ނަގަމުންދާ ކަމަށެވެ.
މި މައްސަލާގައި މުދާ އެތެރެކުރާ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް އެމްޕީއެލް އަށް ހުށަހެޅޭ ކަމަށާއި މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން އެމްޕީއެލް އިން ނަގަން ހަމަޖެހިފައިވާ ފީތަކާއި އެހެނިހެން ހިދުމަތުގެ ފީ އިއުލާނު ކުރާ ކަމަށް އެމްޕީއެލްގެ އިއުލާނުގައިވެ އެވެ.
ކޮންޓެއިނައިޒްޑް މުދާ އަދި އެހެނިހެން މުދާ ކްލިޔާ ކުރުމަށް ހޭންޑްލިން އަދި ވޯފޭޖުގެ ގޮތުގައި ނެގުމަށް ޓެރިފްގައި ބަޔާންކޮށްފައިވާ އަގުތައް އެމްޕީއެލް އިން ވަނީ އާންމުކޮށްފަ އެވެ. އެމްޕީއެލް އިން ބުނެފައި ވަނީ ވޯފޭޖް އަދި ހޭންޑްލިން ފީ ފިޔަވައި އެހެން ހިދުމަތެއް ހޯދާފައި ނުވާ ނަމަ މުދާ ކްލިޔާ ކުރުމަށް އެމްޕީއެލް އިން އެހެން ފީ އެއް ނުނަގާނެ ކަމަށެވެ.
އެމްޕީއެލްގެ ބަނދަރުން މުދާ ކްލިޔާ ކުރުން ލަސްވުމުމަކީ ވިޔަފާރިވެރިންގެ ބޮޑު ޝަކުވާއެކެވެ. އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމްޕީއެލްގެ އާ ބޯޑުން ވަނީ ބުނެފަ އެވެ.