ޗެމްޕިއަންސް ލީގުގައި ލިބުނު ނާކާމިޔާބީއަށް ފަހު މެންޗެސްޓާ ޔުނައިޓެޑް އިން އިބުރަތް ލިބިގަނެ އެފްއޭ ކަޕުގައި ރޭ ޗެލްސީ ކަޓުވާލުމަށް ފަހު ކުއާޓާއަށް ދަތުރު ކޮށްފިއެވެ.

ރޭ އިނގިރޭސި އެފްއޭ ކަޕުގެ ދެވަނަ ބުރުގައި ޗެލްސީ ގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމަށް ފަހު ކުއާޓާގެ ޖާގައެއް ޔުނައިޓެޑް ވަނީ ހޯދާފައެވެ. 0-2 ގެ ނަތީޖާއަކުން މެންޗެސްޓާ މެޗު ކާމިޔާބު ކޮށްފައިވާ އިރު ކުއާޓާގައި އެ ޓީމު ވާދަ ކުރަން ޖެހޭނީ ވޮލްވާހަމްޓަން ވަންޑަރާސް (ވުލްވްސް) އާއެވެ.

މެންޗެސްޓާ ޔުނައިޓެޑްއާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

ވޭތުވެ ދިޔަ ހަފްތާގައި ޔުނައިޓެޑްގެ ދަނޑުގައި ޕީއެސްޖީ އަތުން ލިބުނު ނާކާމީޔާބީއަށް ފަހު ޔުނައިޓެޑަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒު ވެފައެވެ. އެ މެޗުގައި ޔުނައިޓެޑް ކުޅުންތެރިންނަށް ދިމާވި އަނިޔާގެ ސަބަބުން މެޗުގެ އޮއެވަރު ބަދަލުވެ ޕީއެސްޖީ މެޗު ކާމިޔާބު ކުރި އިރު ރޭގެ މެޗަށް ވެސް ޔުނައިޓެޑް ނުކުތީ މުހިއްމު ދެ ކުޅުންތެރިން ކަމަށް ވާ ޖެސޭ ލިންގާޑްއާއި އެންތޮނީ މާޝިއާލް ނުލައެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ ޗެލްސީއިންނެވެ. އެ ޓީމުން ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލާފައި ވާ އިރު ޔުނައިޓެޑްގެ ކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ އެ ހަމަލާތަކުން ގޯލު ފުރިހަމައަށް ދިފާއު ކޮށްފައެވެ. އެގޮތުން ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިސް ފޮނުވާލި ބާރު ފްރީ ކިކު މަތަ ކޮށް ރި ބައުންސަށް ނުކުތް ބޯޅަ ޕެޑްރޯ ފޮނުވާލީ " އަލިފާން" ލާފައެވެ. ނަމަވެސް އެ ބޯޅަ ވެސް ރޮމޭރޯ ވަނީ މަތަކޮށްފައެވެ.

ޔުނައިޓެޑްއިން މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފް ނިމެން ދަނިކޮށް މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން އެންޑާ ހެރޭރާ ބޮލުން ޖެހި ބޯޅައަކުންނެވެ. އަދި އެ ގޯލާއި އެކު ޗެލްސީއަށް ހަމަ ޖެހި ނުލެވިގެން އުޅެނިކޮށް ޕޯލް ޕޮގްބާ ވަނީ އިތުރު ގޯލެއް ޖަހާ ޔުނައިޓެޑްގެ ލީޑް ފުޅާ ކޮށްފައެވެ.

އެ މެޗަށް ފަހު ޗެލްސީގެ ކޯޗު މޯރީޒިއޯ ސަރީއަށް ވަނީ އިންތިހާއަށް ޕްރެޝަރު ބޮޑުވެފައެވެ. އޭނާގެ ޗެލްސީގެ ކޯޗު ކަމުގެ ނިމުން ކައިރިވެއްޖެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ މި ދަނޑިވަޅުގައި ޗެލްސީއަށް ލިބެމުންދާ ނާކާމިޔާބީއަށް ހައްލެއް ހޯދިފައެއް ނުވެއެވެ. މި ސީޒަނުގައި ވެސް ގިނަ މެޗު ތަކަކުން ބަލި ވެފައިވާ ޗެލްސީ މިވަގުތު އޮތީ އިނގިރޭސި ލީގު ތާވަލުގެ ހަ ވަނައިގައެވެ.