ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފަހުން އިރުޝާދުދިން އާޖެންޓީނާގެ ޑިއީގޯ ކްރުސިއާނީ ކޯޗް ކަމުގެ މަޤާމުން ވަކިކުރީ އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެ ނެރުނު ނަތީޖާއާ ގުޅިގެން ނޫން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ އަށް ވަނަ އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެ ނެރުނު ނަތީޖާއާ މެދު ހިތް ހަމަ ޖެހޭ ކަމަށް ވިދާޅުވެ، އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިނެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މުބާރާތުގައި ރާއްޖެ ހޯދި ކާމިޔާބީއަކީ ހިތްހަމަ ޖެހޭ ވަރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި ކްރިސިއާނީ މާޤާމުން ވަކިކުރަން ޖެހުނީ މުބާރާތުގައި ނެރުނު ނަތީޖާއާ ގުޅިގެން ނޫން ކަމަށާއި އެކަން ކުރީ ބަލަންޖެހޭ ކަންތައް ބެލުމަށްފަހު ކަމަށް އާޒިމް ވިދާޅުވިއެވެ.
"ކޯޗް ބަދަލުކުރުމުގަ އަޅުގަނޑުމެން ބައެއް ކަހަލަ ކަންތައްތަކެއް ބެލިން. އޭގެ ތެރޭގައި ކުރިންސުރެ ވެސް ޓީމް ކުރި ޓްރޭނިންތައް އަޅުގަނޑުމެންގެ ޓެކްނިކަލް ޑިޕާޓްމަންޓަށް ކަމުނުދިއުން އެއީ އެއްސަބަބު ކޯޗް ބަދަލު ކުރަން ޖެހުމުގެ. ކޯޗާއެކު ހަދާފައި އޮންނަ އެގްރިމަންޓުގައި އޮންނާނެ ކޮންމެ މުބާރާތެއް ނިމުމަށްފަހު ޓެކްނިކަލް ރިޕޯޓެއް ހުށަހަޅަން. އެހެން ނަމަވެސް އެކަންތައްތައް ވެސް ތަކުރާރުކޮށް ކޯޗުގެ ފަރާތުން ނުވެގެންދިޔަކަން ފާހަގަ ކުރެވުނު. އެހެން ކަމުން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ބޮޑު ހުރަހެއް އެޅުނު. މިސަބަބުތަކާހެދި ފިޔަވަޅު އަޅަންޖެހުނީ،" ކޯޗް ކަމުގެ މަޤާމުން ކްރިސިއާނީ ވަކިކުރި ސަބަބުތައް ދިވެހި މީޑިއާ ހިއްސާ ކުރަށްވަމުން އާޒިމް މިއަދު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެފްއޭއެމްއިން އަލުން ކޯޗެއް ހޯދުމަށް ނިންމީ ކްރިސިއާނީ ކޯޗަކަށް ބަހައްޓައިގެން ކުރިއަށް އޮތް ސާފްޗެމްޕިއަން ޝިޕް ރާއްޖެއަށް ހޯދައި ނުދެވިދާނެ ކަމުގެ ޝައްކުތަކެއް އުފެދުމުން ކަމަށެވެ.
"ޖުމްލަ ގޮތެއްގައި ޓެކްނިކަލް ޑިޕާޓްމަންޓުން، ކޯޗްގެ ފެންވަރާ ދޭތެރޭގައި ސައްކުތަކެއް އުފެއްދި. ކުރިއަށް މިއޮތް ސާފްޗެމްޕިއަންސިޕް ރާއްޖެއަށް ހޯދާ ދެވޭނެ، ކޯޗެއްތޯ ނޫންތޯ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ވަރަށް ބޮޑު ސުވާލެއް،" އާޒީމް ވިދާޅުވިއެވެ.

މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އާޒިމް މިއަދު ވިދާޅުވީ، ދެ ވަނަ ފަހަރަށް ހަންގޭރީގެ އިސްޓަވާން އުރުބާނީއަށް ޤައުމީ ކޯޗް ކަން ހަވާލު ކުރީ ދިވެހި ފުޓްބޯޅަ މިހާރު އޮތް ހިސާބު ދަންނަ އަދި އެނގޭ ކޯޗަކަށް ވާތީއާއި މީގެ ކުރިން ވެސް ރާއްޖޭގެ ޤައުމީ ކޯޗު ކަން ކޮށްފައިވާ ކޯޗަކަށް ވާތީވެ ކަމަށެވެ.
"އުރުބާނީ ގެންނަން ނިންމި އެއްސަބަބަކީ ދިވެހި ފުޓްބޯޅަ މިހާހިސަބަށް ދަންނަ އަދި އެނގޭ ކޯޗަކަށް ވާތީވެ. އަދި މީގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރި ކޯޗަކަށް ވާތީ. މިހާރުވެސް ޤައުމީ ޓީމް ތަމްސީލް ކުރާ ގިނަ ކުޅުން ތެރިން ދަންނަ ކޯޗަކަށް ވާތީ،" އާޒިމް ވިދާޅުވިއެވެ. "އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެފްއޭގެ ހިންގާ ކޮމެޓީން ވެސް އަދި ޓެކްނިކަލް ޑިޕާޓްމަންޓުން ޤަބޫލް ކުރާގޮތުގައި މި ކޯޗަކީ ރާއްޖެއަށް ރަނގަޅު ފެންވަރެއްގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކޯޗެއް. އެކަން ޤަބޫލް ކުރެވޭތީ ގެންނަނަން ނިންމި ކޯޗެއް."

މިފަހަރުގެ މުބާރާތް ފަށަން ދެ މަސް ދުވަހަށް ކުޑަތަން ވެފައިވާއިރު، ދެ ވަނަ ފަހަރަށް ކޯޗްކަން ހަވާލުކުރި އުރުބާނީ އަދި ހުރީ ހަންގޭރީގައެވެ. އެހެންނަމަވެސް ކޯޗް މާލެ އައުމުން ޓީމްގެ ފަރިތަކުރުންތައް ފަށާނެ ކަމަށް އާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

އުރުބާނީ އަކީ ދެހާސް ނުވަ ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން އާއި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދިން ކޯޗެކެވެ. އަދި އަދި އުރުބާނީ މިމަހުގެ 13 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިފަހަރުގެ ސާފު ޗެމްޕިއަންޝިޕް ފަށާނީ އަންނަ ޑިސެމްބަރު ދޭއްގައި އިންޑިޔާގެ ނިއު ދިއްލީ ސިޓީގެ ނެހްރޫ ސްޓޭޑިއަމް ގައެވެ.

އިންޑިއާގައި މުބާރާތް ބާއްވާ މިއީ ދެ ވަނަ ފަހަރަރު ކަމަށްވާއިރު، މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ބަންގްލަދޭޝް ގައެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ދެއަހަރުން އެއްއަހަރު ބާއްވާ މިމުބަރާތުގައި ވާދަކުރާ ޓީމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.