ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

މިގޮތަށް އަމުރުކޮށްފައިވަނީ މައްސަލަ އާއި ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ މަނީ ލޯންޑަރިންގް ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަމަށް ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ.

އޭގެއިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ރައީސް ޔާމީން ނުފޫޒު ފޯރުވައި އެ މައްސަލަ ހުއްޓުވަން މަސައްކަތް ކުރެއްވިކަން އެނގޭނެ ސިއްރު ލިޔުމެއް ވެސް ދައުލަތުން މިއަދު ވަނީ އަމުރު ނެރެފިއެވެ.

އެ އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ.

މިއަދު ހުށަހެޅި ސިއްރު ލިޔުންތަކުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކު ސްޓޭޓްމަންޓްތައް ކަމަށާއި އެއީ ކޮމްޕިއުޓާ ޖެނަރޭޓެޑް ތަކެތިކަމުން އެއަށް ބަދަލެއް ގެވެނޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.