ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު އަމަލު ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ސިއްރު ކޮށްފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކޮށް އޭސީސީ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓާ ގުޅިގެން އޭސީސީއަށް ދަނީީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެމުން އޭސީސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ އިން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތައް ދޫކުރުމުގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ އޭސީސީ އިން އިސްނަގައިގެން ކަމަށާއި މައްސަލައިގެ ތަހުގީގު 27 އޮކްޓޯބަރު 2015 ގައި ފަށައި، 13 ޖުލައި 2017 ގައި ނިންމާފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގެ ރިޕޯޓު އޮގަސްޓް 10، 2017 ގައި ޕްރޮސެކިއުޓާ ޖެނެރަލްގެއޮފީހަށް ފޮނުވާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި އޭސީސީ އިން ސުވާލުކޮށްފައިވާނީ މައްސަލާގައި ތުހުމަތު ކުރެވުނު ފަރާތްތަކާއި ހެކިބަސްދީފައިވާ ފަރާތްތަކާއި ރަށްތަކާ ގުޅިންހުރި ފަރާތްތަކާ އެކަނި ކަމަށާއި މައްސަލާގައި ހިމެނޭ ފައިސާގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ރާއްޖެ ދޫކޮށް ގޮސްފައިވުމުގެ ސަބަބުން އެ ފަރާތްތަކާ ސުވާލު ނުކުރެވިފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭސީސީގެ ރިޕޯޓު އާންމުކުރުން ލަސްވިކަމަށްބުނެ ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ބުނެފައިވަނީ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގެ ރިޕޯޓު އާންމު ކުރުމަކީ ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލު ނޫންކަމަށާއި ގާނޫނުން ލާޒިމް ކުރާ މިންވަރަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުން ހުރި މައްސަލައިގެ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކާ 2017 އޮކްޓޯބަރު މަހު ހިއްސާ ކޮށްފައިވާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެމްއެމްޕީއާރުސީ އާއި ގުޅުންހުރި އިތުރު މައްސަލަތަކެއްވެސް ތަހުގީގު ކުރަމުންދާ ކަމަށާއި މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށްޓަކާ 2017 އޮގަސްޓް 10 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް މި މައްސަލައާ ގުޅިގެން ޕީޖީ އިން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އޭސީސީ އަށް ނާންގާ ކަމަށް އެ ބަޔާނުގައި ވެއެވެ. މި މައްސަލައިގެ ތަހުގީގުގައި ފާހަގަކުރެވުނު ކަންތައް ފުލުހުންނާ ހިއްސާކޮށް މައްސަލައާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރެވިފައިވާނެ ކަމަށް އޭސީސީ ގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ އެންގުންތަކުގެ އިތުރުން އެ އިދާރާތަކަށް ހިއްސާކޮށްފައިވާ މައުލޫމާތާ ގުޅިގެން އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އޭސީސީއަށް އަންގާފައި ނުވާ ކަމަށާއި އެ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމަކީ އޭސީސީ އިން ޒިންމާ ނަގަންޖެހޭ ކަމެއްގެ ގޮތުގައި ވާހަކަ ދެއްކުމަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާ ވާހަކައެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

މަނީ ލޯންޑްރިންގެ ކުށްތައް ތަހުގީގު ކުރުމުގެ ބާރު އޭސީސީ އަށް ނެތް ކަމަށާއި މި މައްސަލައިގެ ތަހުގީގުގައި ފާހަގަކުރެވުނު ކަންކަމާއި ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިއުމަށް 2017 ވަނަ އަހަރުން ފެށިގެން އޭސީސީ އިން މަސައްކަތް ކުރިނަމަވެސް ޖިނާއީ އިޖުރާތުގެ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ)ގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަދަންޖެހޭ ގަވައިދު ހަދާފައިނުވާތީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިއުމަށް ފުރުސަތު ނެތުމަކީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރޭގައި ހިމެނޭ މަނީ ލޯންޑްރިންގެ ކުށުގެ ތަހުގީގު ކުރިއަށް ނުގެންދެވިފައިވާ ސަބަބު ކަމަށް އެބަޔާނުގައި ވެއެވެ. އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ޕީޖީގެ ސަމާލުކަމަށް އެ ކަންތައް ގެނެސްފައިވާކަމަށްވެސް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށްތަކާއި ފަޅޔަކުގެ ގޮތުގައި ހިމެނޭ ތަންތަން ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފއިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާނުކޮށް އަމިއްލަ ކުންފުނިތަކާޢ ިމީހުންގެ އެކައުންޓުތަކަށް ފޮނުވާފައިވާ މައްސަލައަކީ ވަކި މައްސަލައެއްގެގޮތުގައި ފުލުހުން ތަހުގީގު ކުރުމަށް އޭސީސީ އިން ފޮނުވާފައިވާ މައްސަލައެއް ކަމަށާއި އެ ފައިސާ 155 ފަރާތެއްގެ އެކައުންޓަށް ފޮނުވާފައިވާއިރު އެ ފަރާތްތަކަކީ އެ ކުންފުނިން ކޮންގޮތަކަށް ފައިސާ ދޭންޖެހޭ ފަރާތްތަކެއްތޯ އާއި އަދި އެ ފަރާތްތަކުގެއެކައުންޓަށް އެ ފައުސާ ޖަމާކޮށްފައިވަނީ ކީއްވެކަން ބެލިގެންދާނީ ފުލުހުންގެ ތަހުގީގުގައި ކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ޓްރާންސްފާކޮށްފައިވާ ހުރިހާ ފަރާތްތަކަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ބައިވެރިވެފައިވާފަރާތްތަކެއް ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.