ސަރުކާރުން އިސްތިއުފާ ދެއްވެވި ޑރ. އަހުމަދު ޖަމްޝީދު، އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

ޑރ. ޖަމްޝީދު މިއަދު ވިދާޅުވީ އޭޑީކޭގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ސިއްހީ ދާއިރާއާ ހަ މަސް ދުވަސް ދުރުގައި ހުންނެވުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ އަލުން ސިއްހީ ދާއިރާއާ ގުޅިވަޑައިގަތީ އޭނާގެ ފަރާތުން އެ ދާއިރާއަށް ކޮންޓްރިބިއުޝަން ދެއްވުމުގެ ގޮތުން ކަމަށެވެ. އޭޑީކޭގެ އިސް މެނޭޖްމަންޓް ދާއިރާއާ ގުޅިވަޑައިގެންނެވި ނަމަވެސް ޑރ. ޖަމްޝީދު ވިދާޅުވީ ކުރިންސުރެ ބަލިމީހުންނަށް އެހީތެރިވެ ދެއްވުމުގައި ބެހެއްޓި ގާތްކަން އަދިވެސް ގެންގުޅުއްވާނެ ކަމަށެވެ.
"އަޅުގަނޑު މެނޭޖުމެންޓް ދާއިރާއާ ގުޅުނު ނަމަވެސް ބަލިމީހުންނަށް ފަރުވާ ދިނުން ދޫކޮށެއް ނުލަން. ވީވަރަކުން އެބައިވެސް އަޅުގަނޑު ކުރިޔަށް ގެންދާނަން،" ޕަބްލިކް ހެލްތު ދާއިރާއިން މާސްޓާސްޓާސް ހައްދަވައި ހެލްތު މެނޭޖުމަންޓާއި ހެލްތު ޕްލޭނިން ދާއިރާގެ ތަޖުރިބާކާރު އަދި ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޑޮކްޓަރު ވިދާޅުވި އެވެ.

އޭޑީކޭގޭ މޭނޭޖިން ޑިރެކްޓާ އަހުމަދު އައްފާލު މިއަދު ވިދާޅުވީ ޑރ. ޖަމްޝީދު އޭޑީކޭއާ ގުޅިވަޑައިގަތުމަކީ ބޮޑު އެސެޓަކާއެކު އޭޑީކޭއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޑރ. ޖަމްޝީދުގެ ބޭނުން އޭޑީކޭއަށް ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ. އަދި ވިދާޅުވީ ޑރ. ޖަމްޝީދަށް އޭޑީކޭއިން ހުށަހެޅުމެއް ދިނީ ކުރިން އެ ހޮސްޕިޓަލުގެ ސީއޯއޯއަކަށް ހުންނެވި ބިދޭސީ ފަރާތް ދޫކޮށްލެއްވުމަށް ފަހުގައި ކަމަށެވެ.

ޑރ. ޖަމްޝީދު އޭޑީކޭއާ ގުޅިވަޑައިގަތީ މީގެ ދެހަފުތާއެއްހާ ދުވަސް ކުރިންނެވެ.

"ޑރ. ޖަމްސީދަކީ މެނޭޖުމަންޓް ވަރަށް ބޮޑަށް ދެނެވަޑައިގަންނަވާ ބަލިމީހުންނާ ވަރަށް ގުޅޭ މިދާއިރާގެ ތަޒުރިބާ ހުރި ބޭފުޅެއް، މިއީ އޭޑީކޭއަށް ލިބުނު ވަރަށް ބޮޑު އެސެޓެއް، އަދި އާންމުން ވަރަށް ބޮޑަށް ރުހޭ ބޭފުޅެއް،" އައްފާލު ވިދާޅުވި އެވެ.

ސަން އޮންލައިންގެ ހެލްތު ކޮލަމިސްޓް، ޑރ. ޖަމްޝީދު އޭޑީކޭއާ ގުޅިވަޑައިގެންފައިވަނީ ސީސީއެޗްޑީސީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން މި އަހަރުގެ މާޗް މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމަށްފަހު އެވެ. ޑރ. ޖަމްސީދު ސަރުކާރުން އިސްތިއުފާދެއްވީ އޭރު ސީސީއެޗްޑީސީގައި ހުންނަވައިގެން ކުރައްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ އެވެ. ނަމަވެސް ސީދާ ވަކި ސަބަބެއް އޭރު ވިދާޅުވެފައެއް ނުވެ އެވެ.