18 Feb 2019, 14:42
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އިން "އިންސާފުގެ ހިނގާލުން" ނަމުގައި މަދަމާ ހަވީރު ހިނގާލުމެއް ބޭއްވުމަށް ހަމަ ޖައްސަވައިފި އެވެ.
އެމްޑިޕީގެ މަޖިލިސް އިންތިހާބާ ގުޅޭގޮތުން ސިލްސިލާގޮތެއްގައި ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީ މާދަމާ ހަވީރު 4:15 ގައި އެޖެންޑާ19ގެ އިންސާފުގެ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހިނގާލުމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ހިނގާލުމުގައި އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީން ހުށަހަޅާ ކަންތައްތަކުގެ ލީފްލެޓް ބެހުން އޮންނާނެކަމަށް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީ މަޖިލިސް ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- އެމްޑީޕީ
"މި ހިނގާލުމުގައި އަޅުގަނޑުމެންގެ ވީހާވެސް ގިނަ މެމްބަރުންނާއި ސަޕޯޓަރުން އަދި އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅުންނާއި އިންސާފު ގާއިމުކުރައްވަން އަޑުއުފުއްލަވާ ބޭފުޅުން ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، އިންސާފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ، އަޓިފިޝަލް ބީޗު އެމްޑީޕީ ހަރުގެ ކުރިމަތިން ކަމަށެވެ.
އަފްޝަން އިތުރަށް ވިދާޅުވީ، އެޖެންޑާ19ގެ ސިލްސިލާ ޕެނަލް ޑިސްކަޝަންގެ ތެރެއިން ބާއްވާ ދެވަނަ ޕެނަލް ޑިސްކަޝަން މިރޭ 9:00 ގައި އިސްލާމިކް ޔުނިވާސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިރޭ ޕެނެލް ޑިސްކަޝަންގައި ވާހަކަ ދެއްކުމަށް ހަމަ ޖެހިފައިވަނީ، ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހު ކުރުމާއި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމު ކުރުމުގެ މައުޟޫއުގެ މައްޗަށެވެ.
އެޖެންޑާ19 އިންސާފުގެ ސިޔާސަތު ލޯންޗުކުރުން
ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ
އިންސާފުގެ ހިނގާލުން
19 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަަހުގެ ހަވީރު 4:15 ގައި
އެމްޑީޕީ ހަރުގެ ކުރިމަތިން ފެށޭނެ.
ބައިވެރިވެ ވަޑައިގެން ދެއްވުން އެދެން.#Majlis19Thilafathahpic.twitter.com/wjJOPrXHZ3— MDP Secretariat (@MDPSecretariat)February 18, 2019
މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވާނީ މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު، ގާނޫނީ ވަކީލާ ހިސާން ހުސައިން އަދި ގާނޫނީ ވަކީލު މޫސާ ސިރާޖެވެ.
މި ޕެނަލް ޑިސްކަޝަންތަކަކީ، އެޖެންޑާ19ގެ ދަށުން އެމްޑީޕީން ހުށަހަޅާ ގާނޫނީ ކޮންސެޕްޓްތަކުގެ މައުލޫމާތު އަންމުނަށް ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ ހަފްތާއަކު ވަކި މައުޟޫއަތަކަަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕެނަލް ޑިސްކަޝަންތަކެކެވެ. ފުރަތަމަ ޕެނަލް ޑިސްކަޝަންގައި މަޝްވަރާ ކުރެވިފައިވަނީ އިންތިގާލީ އިންސާފު ގާއިމުކުރުމާއި ޖަވާބުދާރީ ކުރަނިވި ދައުލަތެއް ބިނާކުރުމާ ބެހޭގޮތުންނެވެ.