ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އެ ޝަރީއަތް ތާވަލުކޮށްފައިވަނީ 1:30 އަށެވެ. ރައީސް ޔާމީނުގެ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާކޮށް ކްރިިމިނަލް ކޯޓަށް ފޮނުވިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައިވަނީ އިއްޔެއެވެ.

ރައީސް ޔާމީނަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކުރި ކަމަށެވެ.

އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކުރައްވައި އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ޔާމީންގެ އިތުރުން މިދިޔަ ހަފްތާ ބުދަ ދުވަހު ފުލުހުން ވަނީ މަނީ ލޯންޑާ ކުރުމުގައި އެމަނިކުފާނަށް އެހީތެރިވެ ބައިވެރިވުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާ ރައީސް ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްދިނުމަށްވެސް އެދިފައެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށް އިއްޔެ ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.