18 Feb 2019, 13:32
ހޯމް މިނިސްޓްރީގެ މީޑިއާ ޑިޕާޓްމެންޓުގެ ޑިރެކްޓަރަކަށް ކުރީގެ ނޫސްވެރިޔާ ހަފްްސީ އަބްދުﷲ އައްޔަނު ކުރައްވައިފިއެވެ.
ގިނަ އަހަރު ތަކެއް ވަންދެން ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރައްވާފައިވާ ހަފްސީއަށް ދެއްވާފައިވަނީ ސިޔާސީ މަގާމެކެވެ. ހަފްސީ މަގާމަށް އައްޔަން ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ހަފްސީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި މަނަދޫ ދާއިރާ އަށްވެސް ވާދަ ކުރައްވައިފައެވެ.
ތޭރައަހަރު ވަންދެން ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރެއްވުމަށްފަހު ހަފްސީ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ. އިސްތިއުފާދެއްވީ ޕީއެސްއެމްއިން ހަމަހަމަކަމާއެކު ހަބަރު ފަތުރަމުން ނުދާ ކަމަށް ބުނެއެވެ.
ހަފްސީ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އިނާމާއި ގައުމީ އިނާމު ހާސިލް ކުރައްވައިފައެވެ. މީގެ އިތުރުން އޭނާ އަކީ ކުޅަދާނަ ކުޅިވަރު ކޮމެންޓޭޓަރެއްވެސް މެއެވެ.