ރާއްޖެއިން ސިންގަޕޫރަށް ކަނޑެޅި ސަފީރު ޑރ. ޢަބްދުﷲ މަޢުޞޫމް މަގާމަށް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. މައުސޫމަށް ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ޑރ.މައުސޫމް ވަނީ ސަރުކާރުގެ މަތީ މަގާމުތައްވެސް ފުރުއްވާފައެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރު ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން އަދާކުރައްވާފައިވެއެވެ.

ޑރ. މައުސޫމް އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމެވެ.