18 Feb 2019, 11:01
މިއަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ރަށު ކައުންސިލްތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 300،000 އާ ހަމައަށް އެހީވުމަށް ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
މިއަދު ހޯމް މިނިސްޓްރީން ވަނީ އެފަދަ މަޝްރޫއުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުސަތު ކައުންސިލްތަކަށް ހުޅުވާލައްވައިލަފައެވެ.
ހޯމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެހީދެއްވުމަށް ނިންމައިފައި ވަނީ ޖަމާއަތުގެ ފައިދާއަށްޓަކައި ރަށު ކައުންސިލް އިދާރާތަކުގެ ޙިއްސާ އޮންނަ ގޮތަށް ހިންގާ ތަރައްގީގެ މަޝްރޫއޫތަކަށް ކަމަށެވެ.
އެގޮތުން އެހީ ހޯދުމަށް ހުށައަޅުއްވާ މަޝްރޫއޫތަކަށް ތިންލައްކަ ރުފިޔާ އާ ހަމައަށް އެހީދެއްވުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއޫގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށްވެސް އެދޭ ވޭނީ އަހަރަކު އެއް މަޝްރޫއޫއަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
"ކައުންސިލްތަކުން އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅޭނެ މަޝްރޫޢުތަކުގެ ތެރޭގައި ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނެ،" ހޯމް މިނިސްޓްރީން ބުންޏެވެ.
މަޝްރޫއޫތަކަށް އެދި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިއަހަރުގެ އޭޕްރީލް މަހު 14 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައްވާފައެވެ.
ހޯމް މިނިސްޓްރީން ބުނީ، ހުށަހަޅުއްވާ ޕްރޮޕޯޯޒަލްތަކަށް މާރކްސް ދެއްވުމުގައި އެންމެ ބޮޑަށް ބައްލަވާނީ މަޝްރޫއޫގެ ބޭނުމާއި، މަޤްސަދު އަދި މަޝްރޫއުން ހާސިލް ކުރެވޭނެ ނަތީޖާއަށް ކަމަށެވެ. އަދި މަޝްރޫޢު ނިމުމަށްފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ހިއްސާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުގެ ބޭނުންތެރިކަން ހުރި މިންވަރަށްވެސް މާކްސް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމަތުދެއެވެ.
މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދެއްވާނީ އެކަންކަމަށް ބެއްލެވުމަށްފަހު އެންމެ ރަނގަޅު މާރކްސް ހޯދާ ޕްރޮޕޯޒަލްތަކަށެވެ.