މުޖުތަމައުއަށް ނުރައްކާތެރި ކުއްވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ޔަގީންކޮށްދީފައިވާ ގދ. ފަރެސްމާތޮޑާ އަލި ހައްސާނު އަލީ ތިން އަހަރަށް އަދި ހ. އަގި އަސީލު ހަތް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި ދެ މީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މިދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޑިސެމްބަރު 3، 2010 ދުވަހުގެރޭ 10:30 ގައި މާލޭ ބޮޑުތަކުރުފާނު މަގުގައި ހުރި 16 ނަންބަރު ގާޑިއާގައި އޮތް ކަތިވަޅިއެއް ނަގައިގެން އެވަގުތު އެތާގައި ހުރި ރިޟުވާން ފަރުހަތަށް އެކިފަހަރުމަތިން އަސީލު ހަމަލާދިން މައްސަލައާއި، އަސީލު ކަތިވަޅިން ޖެހުމުން ހައްސާނު ސައިކަލެއްގައި ގޮސް އަސީލު އެތަނުން ފިލުވި މައްސަލައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މި މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި 16 ނަންބަރު ގާޑިއާ ކައިރީ ހުރި ރިޟުވާން ފަރުހަތު ގަޔަށް އަސީލު ވަޅިހެރިކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާއަށް އަސީލު އިއުތިރާފް ވެފައިވާތީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން ހަމަ އެމާއްދާގެ (ނ)، (ބ) އާއި ހަވާލާދީ އަސީލު ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީކަމަށެވެ.

އަދި އަސީލު ވަޅިހެރުމުން އަސީލު ފިލުވި ކަން ހެކީންގެހެކިބަހުން ޝަރީއަތަށް ސާބިތުވެފައިވާތީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން ހަމަ އެމާއްދާގެ (ނ)، (ބ) އާއި ހަވާލާދީ ހައްސާނު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކުރީކަމަށެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މިދެމީހުންގެ މައްޗަށް ހުކުމް ކުރިއިރު ދެމީހުން ވެސް ތިބީ ހެވިފަ އެވެ.

http://sun.mv/uploads/l_1156412.jpg
އަސީލު: ޝަރީއަތުގެ މަޖިލީހަކަށް ފަހު ކޯޓުން ނެރެނީ