ގަލޮޅު ސައިރެކްސް ކޮލެޖް ހުންނަ ގޯޅިގަނޑުތެރޭ ހުރި އިމާރާމަތެއްގެ ނުވަ ވަނަ ފަންގިފލަ އިން ކަޓިން ބޯޑެއް ވެއްޓި ރޭ މީހެއްގެ ބޯފަޅައިގެން ހިނގައްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 11:34 އެހާކަންހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ސަން އަށް ވިދާޅުވީ، އަނިޔާވި މީހާގެ ބޮލުގެ ފުށްކިބައިން ދެ ތަނެއް ފަޅައިގެންގޮސް އަދި ކަނާތު އުޅަނބޮށި ކައިރިން މަށައިގެން ގޮސްފައިވާ ކަމަށެވެ.

"މި ހާދިސާ ހިނގަން މެދުވެރިވީ ގ. ކަނދުމާގެ ނުވަ ވަނަ ފަންގިފިލާގައި ދިރިއުޅޭ މީހެއް، އެ އެޕާޓްމަންޓްގެ ބަދިގެ ސެޓް ހުންނަ ދިމާލުގައި ހުރި ސްލައިޑް ކުރާ ކުޑަ ދޮރެއް ހުޅުވާލި ގަޑީގައި ކަޓިން ބޯޑު މަތިން ވެއްޓިގެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކަޓިން ބޯޑު ވެއްޓުނު ގ. ކަނދުމާގެ: އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާ އިން ކަޓިން ބޯޑެއް ވެއްޓި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައި -- ސަން ފޮޓޯ

އެ ސަރަހައްދުގައި ހަރަކާތްތެރިވި "ސަން"ގެ ނޫސްވެރިޔާ ބުނީ، ކަޓިން ބޯޓު ވެއްޓިފައި އޮތީ އެ އިމާރާތުގެ ކުރިމަތީ ހުންނަ ސައިކަލު ޕާކް ކުރާ ތަނަށް ކަމަށެވެ. އަދި ކަޓިން ބޯޑު ވެއްޓިފައި އޮތް ސަރަހައްދުގައި ކޮންމެ ވެސް ވަރަކަށް ލޭ ހުރި ކަމަށް ވެސް ސަންގެ ނޫސްވެރިއާ ބުންންޏެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ގ. ކަނދުމާގެ ނުވަ ވަނަ ފަންގިފިލާ އިން ވެއްޓުނު ކަޓިން ބޯޑު -- ސަން ފޮޓޯ

ރޭ މާލޭ އިމާރާތަކުން ކަޓިން ބޯޑެއް ވެއްޓި މީހެއްގެ ބޯފަޅައިގެން ދިޔަ އިރު، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި މީހަކު ވަނީ ރޭ މަރުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވެފަ އެވެ.

އެ މަރާ ގުޅިގެން ސަރުކާރުން ވަނީ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންސްޕެކްޝަނެއް ވެސް ހަދައިފަ އެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތާ ބެހޭ ގަވާއިދެއް ވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެކުލަވާލައި އަމަލު ކުރަން ފަށައިފަ އެވެ.