18 Feb 2019, 09:30
އިސްލާމްއާބާދު (ފެބްރުއަރީ 18): ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެގައުމުން 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
ވަލީއަހުދު މުހައްމަދަށް އިއްޔެ ޕާކިސްތާނުގެ ނޫރު ޚާން އެއާބޭސްއިން މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު އިމްރާން ޚާން އެވެ. އަދި ދެބޭފުޅުން ވަނީ އިސްލާމްއާބާދަށް ވަޑައިގެން، ހަކަތަ، މިނަރަލްސް، ކުޅިވަރު، ޕެޓްރޯކެމިކަލްސް އަދި އެހެން ދާއިރާތަކާ ގުޅުން ހުރި އެއްބަސްވުންތަކުގައި ސޮއި ކުރައްވާފަ އެވެ.
އެ އެއްބަސްވުންތަކުގެ ތެރޭގައި ޕާކިސްތާނުގެ ގުވާދަރުގައި ތެޔޮ ސާފު ކުރާ ފެކްޓަރީއެއް އެޅުމަށް ސައުދީން އަށް ބިލިއަން ޑޮލަރު އިންވެސްޓު ކުރުމާއި އެގައުމުގެ ދެ ޕަވާ ޕްލާންޓެއް ސައުދީން ގަތުމާއި ހަކަތައާ ގުޅުން ހުރި ހަތަރު ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހިމެނެ އެވެ.
މީގެ އިތުރުން ރޭ ޕްރިންސް މުހައްމަދުގެ ޝަރަފުގައި ބޭއްވި ޖާފަތެއްގައި ބޮޑުވަޒީރު ޚާން ވަނީ ދެ ގައުމުގެ ގުޅުން މީގެ ކުރިން އެއްވެސް އިރެއްގައި ވަރުގަދަ ނުވާ މިންވަރަށް މިހާރު ވަރުގަދަ ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"މިހާރު ދެ ގައުމުގެ މެދުގައި އޮތީ ދެ ގައުމަށް ފައިދާވާ ފަދަ އިންވެސްޓުމެންޓުތައް ކުރާ ގުޅުމެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އަދި ޕްރިންސް މުހައްމަދު ވަނީ ޕާކިސްތާނަކީ މުސްތަގުބަލުގައި ވަރަށް މުހިއްމު ގައުމަކަށް ވާނެ ކަމަށް ސައުދީން ގަބޫލު ކުރާ ކަމަށާއި އެހެންކަމުން އެގައުމާއެކު ކުރިއަށްދާން ސައުދީން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
ވަލީއަހުދު މިހަފްތާ ތެރޭގައި އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. އަދި އެގައުމުގައި ދެ ދުވަސް ހޭދަ ކުރެއްވުމަށް ފަހު އިތުރު ދެ ދުވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.