18 Feb 2019, 09:33
މި އަހަރުގެ އެންމެ ފުރަތަމަ ބްލޮކްބަސްޓާ "ގޮށްރާޅު"ގައި ހިމެނޭ އެކްސްޓެންޑެޑް ޕްރިވިއުއެއް އާންމުކޮށްފިއެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ފުރަތަމަ ފިލްމު "ގޮށްރާޅު" އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އާންމުކުރި ފިލްމުގެ މަންޒަރުން ފެނިގެންދަނީ ޖުމައްޔިލް ނިމާލް (ފިލްމުގައި އައިމަން) ރުޅި އައިސް ހުރެ ގޭންގު ބަޔަކަށް ހަމަލާ ދޭ ތަނެވެ. އަދި އެ ގްރޫޕުގެ މީހުންވެސް ދިފާއުގައި އައިސް އައިމަން އަށް ހަމަލާދޭ މަންޒަރެވެ.
ގޭންގު މީހުން އައިމަން އަށް ހަމަލާދީ އޭނާ ޒަހަމްކޮށްލާ މަންޒަރުވެސް ފެނިގެންދެއެވެ. އަދި ހަސަން އިރުފާން ( ފިލްމުގައި ހުޝާމް) އައިސް އައިމަންގެ ބޮލަށް ހަމަލާދޭ މަންޒަރުވެސް ފެނިގެން ދިޔައެވެ.
ފިލްމު ބެލި ބެލުންތެރިންނަށް އެވަނީ ކީއްކަން ހަމަ ރަނގަޅަށް ވެސް އެނގޭނެއެވެ. ފިލްމު ނުބަލާ ތިބި މީހުން ފިލްމު ބެލުމަށް އިތުރަށް ޝައުގުވެރިވެއްޖެ ދޯއެވެ. ފިލްމުގައި ކަންތައްތައް ވާގޮތް ބަލާލުމަށް ޓިކެޓެއް ނަގައި އަވަހަށް އޮލިމްޕަހަށް ވަންނާށެވެ.
ފިލްމު ބެލި މީހުންވެސް އެ ފިލްމު އަދި އެއް ފަހަރު ބަލައިލަން ރަނގަޅެވެ.
މިއީ 18 އަހަރުން މަތީ ކޮންމެ މީހެއްވެސް ބަލައިލަން އެންމެ ރަނގަޅު ފިލްމެވެ.
ފިލްމުގެ ވިޝުއަލް އިފެކްޓްސް ހަމަ ސަޅީ އެވެ. ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތް ޝިނާން ފުރިހަމަކަމާއެކީ ނިންމާލިއިރު "ގޮށްރާޅު" އަކީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ.
ފިލްމުގެ އިތުރު ޝޯތަކެއް މި މަހުގެ 21 އިން 23 އަށް އޮލިމްޕަހުގައި ދެއްކުމަށް ވަނީ ނިންމާފައެވެ. އެ ތިން ޝޯއަށް ވެސް ޓިކެޓް ވިއްކަމުންދާއިރު 9911229 އާ ގުޅައިގެން ވެސް ޓިކެޓްގެ ކަންތައް ހަމަޖެއްސޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. އެ ތިން ޝޯ ވެސް ދައްކާނީ ރޭގަނޑު 21:00ގަ އެވެ.
އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ އެ ފިލްމުގެ ޓްވިސްޓް އައީ އެންމެ ހީނުކުރި ގޮތަށެވެ. އަދި އެ ޓްވިސްޓު ވެގެން ދިޔައީ އެންމެންނަށް ކަމުދާ ޓްވިސްޓަށެވެ.
މުޖުތަމައުގައި މިއަދު އާންމުވެފައިވާ މައްސަލައަކަށް "ގޮށްރާޅު" ވަނީ އަލިއަޅުވާލާފަ އެވެ. މުޖުތަމައުގައި މަދުން ނަމަވެސް މިއަދު ހިނގާ ހިތްދަތި އެ ހާދިސާއަށް ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ. މިއަދުގެ މުޖުތަމައު އެފަދަ ފިލްމަކަށް ބޭނުންޖެހިފައި އޮއްވާ އެފަދަ ފިލްމެއް ބެލުންތެރިންނަށް މިވަނީ ގެނެސްދީފަ އެވެ.