10 Oct 2011, 13:48
ހަ ރަށަކުން ޕީޕީއެމްއަށް ގުޅެން ބޭނުންވާ 1000 އަށް ވުރެ ގިނަ މީހުންގެ ފޯމްތައް އެ ޕާޓީ ހެއްދެވުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިއަދު އަރުވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މައުމޫންގެ އަތްޕުޅަށް ހާހަކަށް ވުރެ ގިނަ ފޯމްތައް އަރުވާފައި ވަނީ އއ. ތޮއްޑޫންނާއި ރ. ދުވާފަރުންނާއި ނ. ވެލިދޫންނާއި ގދ. ގައްދޫންނާއި ގއ. ދެއްވަދޫންނާއި ހދ. ނައިވައިދޫ އާއި އދ. މަހިބަދޫންނެވެ. އެ ރަށްތަކުން ގެނައި ފޯމްތައް މައުމޫންގެ އަތްޕުޅަށް އެރުވީ އެ ރަށްތަކުން މާލެ ވަޑައިގެންނެވި ބޭފުޅުންނެވެ. މައުމޫންގެ އަތްޕުޅަށް އެރުވި ފޯމްތަކުގެ ތެރެއިން އެންމެ ގިނަ ފޯމް ހުށަހަޅާފައި ވަނީ ތޮއްޑޫ އިންނެވެ. ނަމަވެސް އެ ފޯމްތަކުގެ އަދަދެއް ޕީޕީއެމްއަކުން ނުބުނެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޯމްތައް ހުށަހެޅި ރަށްތަކުގެ ބޭފުޅުންނަށް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޕީޕީއެމްގެ ވަގުތީ ސްޕޯކްސް ޕާސަން ގަލޮޅު ދެނުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ މިއަދު ހުށަހެޅުއްވި ފޯމްތަކަކީ ވަރަށް މަދު ފޯމްތަކެއް ކަމަށާއި "އަދި ކުރިއަށް އޮތީ" ކަމަށެވެ.