18 Feb 2019, 08:56
މި އަހަރުގެ މިހާތަނަށް ދައުލަތަށް 994.9 މިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރާ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ރިޕޯޓުން ދައްކާގޮތުން ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް 2،776.1 މިލިއަން ރުފިޔާގެ އާމްދަނީ ވަނީ ލިބިފަ އެވެ. އަދި ދައުލަތުން ކޮށްފައިވާ ހަރަދުގެ އަދަދީ އަރަނީ 1،831.2 މިލިއަން ރުފިޔާ އެވެ.
ރިޕޯޓުން ދައްކާ ގޮތުން ދައުލަތުން ކުރި ހަރަދު ލިބުނު އާމްދަނީއަށް ވުރެ ކުޑަވުމުން ފައިދާގެ ގޮތުގައި 994.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި ސަބްސިޑީސް އަދި އެޑްމިނިސްޓްރޭޓިވް ހަރަދު ތަކަަށެވެ. މި އަހަރުގެ މިހާތަނަށް އައި އިރު މުސާރައިގެ ގޮތުގައި 780.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އާސަންދައަށް 3.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ދައުލަތަށް އާމްދަނީ ލިބިފައި ވަނީ ޓެކްސްތަކުންނެވެ. އެގޮތުން ބީޕީޓީ، ޖީޖީއެސްޓީ، އަދި ޓީޖީއެސްޓީ ހިމެނެ އެވެ.
އާމްދަނީގެ ބައެއް ތަފްސީލު
- ބިސްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (ބީޕީޓީ) - 931 މިލިއަން ރުފިޔާ
- ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) - 789.9 މިލިއަން ރުފިޔާ
- ގްރީން ޓެކްސް - 87.1 މިލިއަން ރުފިޔާ
- އެއާޕޯޓު ސާވިސް ޗާޖު - 71.2 މިލިއަން ރުފިޔާ
މިސަރުކާރު އައިފަހުން ދައުލަތުގެ ބަޖެޓް އަދި ޑެފިސިޓްވެފައެއް ނުވެ އެވެ. ބެލެވޭ ގޮތުން އެއީ މިހާތަނަށް ބޮޑޫ ޕްރޮޖެކްޓަކަށް ދައުލަތުން އަދި ފައިސާ ހަރަދުކޮށްފައި ނުވާތީ އެވެ. މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ޕްރޮޖްކްޓްތަކަށް ހަރަދުކޮށްފައި ވަނީ 48.3 މިލިއަން ރުފިޔާ އެވެ.
މި އަހަރަށް ލަފާކޮށް ދައުލަތުން ފާސްކޮށްފައި ވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުން މިހާތަނަށް ބޭނުންކޮށްފައި ވަނީ 13 ޕަސެންޓެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާ އެވެ. އޭގެތެރެއިން 17 ޕަސެންޓް މިހާރު ވަނީ ދައުލަތަށް ލިބިފަ އެވެ.