17 Feb 2019, 22:42
ސެނަހިޔާ ކުރިމަތީ ހިނގި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ސެނަހިޔާ ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ދުއްވާފައި ދިޔަ ކާރަކުން ޖައްސައި 46 އަހަރު އަންހެނަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭއިން ބުންޏެވެ.
ފުލުހުން މިރޭ ބުނީ ސެނަހިޔާ ކުރިމަތީ ކަފިިހި ހުރަހުން ކާރު ދުއްވާފައި ގޮސް އަންހެނެއް ގައިގައި ޖެއްސި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށްވެސް ބުންޏެވެ.
އެ ކާރު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ޓެކްސީގެ ހުއްދަ ބާތިލްކުރުމުގެ އިތުރުން އެ ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓައިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ބާރަށް ދުއްވި ޑްރައިވަރުގެ ފޮޓޯ ވެސް މީސް މީޑިއާގައި ވާނީ އާންމުވެފައެވެ.
އެ ކާރު މަަޑުނުކޮށް ދުވާފައި ދިޔުމުގެ ސަބަބުން ކާރުން ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އެކަކުގެ ގައިގައި ޖެހި، ވެއްޓެން ދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގައި ޖެހި، އެމީހާ ބިންމަައްޗަށް ވެއްޓި ކަފިހި ހުރަސްމަތީ ހުރި ރަބަރުގަނޑުގައި ބޯ ޖެހުމުގެ ސަބަބުން އޭޑީކޭ އައިސީޔޫގައި މިހާރުވެސް ދަނީ އެ އަންހެން މީހާއަށް ފަރުވާ ދެމުންދާ ކަމަށެވެ.