10 Oct 2011, 13:18
ބިދޭސީ ފަނޑިޔާރުންނަށް ރާއްޖޭގެ ކޯޓުތަކުން ޖާގަ ދިނުމަކީ ކޯޓުތަކުގެ އިތުބާރު ނަގާލުމަށް ސަރުކާރުން ރާވާ ވަރަށް ނުރައްކާތެރި ރޭވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި، މާކަންޓައިލް ކޯޓުގެ ބިލުގައި، ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުގައި، ބިދޭސީ ދެ ފަނޑިޔާރުން ތިބެންވާނެ ކަމަށް ބުނެފައިވާތީ އެކަމާ ދެކޮޅު ހައްދަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ބިދޭސީންނަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި އެކަމަކީ ގައުމުގެ މިނިވަންކަން ގެއްލިދާފަދަ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މާވަށު ދާއިރާގެ އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ އެ ބިލަކީ އަދުލު އިންސާފުގެ ދާއިރާއަށް މުހިއްމު ބިލެއް ކަމަށެވެ. ނަމަވެސް ބިލުގައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ބޭރުގެ ފަނޑިޔާރުންނަށް ފުރުސަތު އޮތުމަކީ ގަބޫލު ކުރެއްވޭނެ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިލުގައި ފަނޑިޔާރުންގެ ސިފަތައް ބަޔާން ކުރުމުގައި ވެސް ދިވެހިންނާއި ބޭރުގެ ފަޑިޔާރުންނާއި ތަފާތު ކޮށްފައިވޭ. ރާއްޖެއަކީ ސައްތައިންސައްތަ އިއްލާމީ ގައުމަކަށް ވެފައި ގާނޫނުތައް އެކުލަވައި ހިނގަންވާނީ އިސްލާމްދީނާ އެއްގޮތަށް ކަމަށް ގާނޫނުއަސާސީން ބުނާއިރު ބޭރުގެ ފަނޑިޔާރުން ކޯޓުތަކަށް ލައިގެން ނުވާނެ" ކަމަށް ވެސް އޭނާ ވިދާޅުއި އެވެ
އަދި ރާއްޖޭގައި ގާބިލް ފަނޑިޔާރުން އެބަތިބި ކަމަށާއި ވަކި ދާއިރާއަކުން ސްޕެޝަލައިޒް ބޭފުޅުން ނެތްނަމަ ތަމްރީން ކުރެވެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގައި ކަންކަންކުރަން އެންމެ އެކަށޭނަ ބަޔަކީ ދިވެހިން ކަމަށެވެ.
"ހުނަރުވެތި ފެންވަރު ރަނގަޅު ބަޔަކަށް ހަދައި އިތުބާރުހިފޭ ބަޔަކަށް ހަދަންޖެހޭނީ ވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ބަޔަކު. ރައްޔިތުންނަށް ނުކުރާ އިތުބާރެއް ކުރަންޖެހޭނެ އެހެންބަޔަކު ނުތިބޭނެ. އަމިއްލަ ނަފްސަށްވުރެ ބޭރުން އަންނަ ބަޔަކަށް އިތުބާރު ކޮށްފިނަމަ ރާއްޖޭގެ މިނިވަން ކަމަށާއި އެހެންކަންކަމަށް ލިބިގެންދާނެ ގެއްލުމަކާމެދު ވިސްނަންޖެހޭ،" ހަސަން ލަތީފް ވިދާޅުވި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ އެބިލަކީ ގައުމުގެ ގާނޫނީ ނިޒާމް ބަދަލު ކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި ވިސްނުންތެރިކަމާއެކު އެ ބިލު ފާސްނުކުރެވިއްޖެނަމަ ރާއްޖޭގައި އޮތް ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ބިލުގައި އޮތް ގޮތަށް މާކަންޓައިލް ކޯޓު އުފެދިއްޖެނަމަ ސިވިލްކޯޓުގެ ބޭނުން ކެނޑިގެންދާނެ ކަމަށާއި ކޯޓުގެ ފުރިހަމަ ނިޒާމް ގެއްލި އެހެން ކޯޓުތަކުން ކުރާ އަމުރުތައް ބާތިލް ކުރުމުގެ ބާރު އެކޯޓަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާއަށް ބިލު ހުށަހަޅުއްވަމުން މުސްތަފާ ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅުއްވި އެންމެބޮޑު ސަބަބަކީ ރާއްޖޭގެ ޝަރުއީ ނިޒާމާމެދު ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ގާއިމުކޮށްދިނުން ކަމަށެވެ. އަދި މާކަންޓައިލް ކޯޓް ގާއިމުކުރުމުން ވިޔަފާރީގެ މައްސަލަތަކުގައި އަވަހަށް އިންސާފު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ކޯޓުތަކަކީ ކޮންމެހެން ބޭނުން ކޯޓުތަކެއް ކަމަށާއި އެކަމުގެ ސަބަބުން އިންޓަނޭޝަނަލް އެއްބަސްވުންތަކުގައި ވެސް އިންސާފު ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށެވެ.
ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ އަހުމަދު އަބުދުﷲ ވިދާޅުވީ، އެފަދަ ކޯޓެއްގައި އެންމެ ރަނގަޅު ހައްލެއް ހޯދައިދެވޭނެ ފަނޑިޔާރުން ތިބުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އަދުލު އިންސާފަކީ އެންމެނަށް ހަމަހަމަކޮށް ލިބޭނެ އެއްޗެއްކަމުގެ ޔަގީންކަމް އޮންނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެހެންކަމް ކަމުގައިވެސް ބޭރުގެ މާހިރުންގެ އެހީއާއި ލަފާ ހޯދަމުން ދާއިރު ޝަރުއީ ދާއިރާގައިވެސް އެކަން ކުރުމަކީ މައްސަލައެއްނޫން ކަމަށާއި އެއީ ލަދުގަންނަންޖެހޭވަރުގެ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.