ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާކޮށް ކްރިިމިނަލް ކޯޓަށް ފޮނުވިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަ ކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާގޮތުން ކޯޓަށް މައްސަލަ ހުށަހެޅޭތާ ފަސްދުވަހުގެ ތެރޭގައި މައްސަލައިގެ ލިޔުންތައް ދައުވާ ކުރާ ފަރާތާ ހަވާލުކުރަން ޖެހެއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރަކު މިއަދު "ސަން"އަށް ވިދާޅުވީ، ޔާމީންގެ މައްސަލައިގެ ލިޔުންތައް މިއަދުގެ ވަގުތެއްގައި އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ލިޔުންތައް ހަވާލުކޮށްފައިވާ އިރު، ރައީސް ޔާމީނަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު ފުލުހުން މިދިޔަ ހަފްތާ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ހޯދި މައުލޫމާތާއި ހެއްކާއި ގަރީނާތަކުން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ތަހުގީގުކުރި ކަމަށެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުންވެސް އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުނުކުރައްވައި އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުއްވާފައިވާ އެކައުންޓުތަކުގައި އެ ފައިސާތައް ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ހޯދިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ޔާމީންގެ އިތުރުން މިދިޔަ ހަފްތާ ބުދަ ދުވަހު ފުލުހުން ވަނީ މަނީ ލޯންޑާ ކުރުމުގައި އެމަނިކުފާނަށް އެހީތެރިވެ ބައިވެރިވުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ދައުވާ ރައީސް ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްދިނުމަށްވެސް އެދިފައެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށް މިއަދު ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.