07 Jun 2010, 05:21
10:00
ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލެވޭ ގޮތަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލަށް އިސްލާހު ގެނައުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ބިލް ފާސްކުރެވިފައިވާ ގޮތުން 25 އިންސައްތަ އަށްވުރެ ގިނަ މީހުންގެ ވޯޓުލުމުގެ ހައްގު ގެއްލޭ ކަމަށެވެ. އަދި ވޯޓު ލުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާއިރު، ރާއްޖޭގެ ވޯޓު ލުމުގެ އާބާދީގެ ހަތަރު ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް ގައުމުގެ ކުރިމަގު އިޚްތިޔާރު ކުރުމުގެ ފުރުސަތުން މަހުރޫމްވާ ފަދަ ގޮތަކަށް ގާނޫނެއް ފާސް ކުރުމަކީ އެ ޖަމިއްޔާއިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވުރެވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ކުޑަ ކަމަށެވެ. ވީމާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވުރެ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބްގައި ކޮންމެ ވޯޓެއްގެ ބާރު ގަދަވާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.