17 Feb 2019, 17:37
ހަސަތޭކަ ތިރީސް ތިން ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ.
ރާއްޖޭގެ އަތޮޅުތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ބޭރު ނަރުހުން ދަނީ ވަޒީފާއަދާ ކުރަމުންނެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ނާސިންގގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
އިއުލާންކުރި ނަރުހުންގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 9060 ރުފިޔާއެވެ. އަދި ނިކުންނަ ކޮންމެ ދުވަހަކަށް އެލަވަންސްއެއް ދޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ލެވެލް 3 - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 188 ރުފިޔާ
- ލެވެލް 2 - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 150 ރުފިޔާ
- ލެވެލް 1 - މަސައްކަތަށް ނުކުންނަވާ ކޮންމެ ދުވަހަކަށް 120 ރުފިޔާ
ހެލްތު މިނިސްޓްރީއިން ބުނީ ނަރުހުންގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރެއްގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް ވަޒީފާއަށް އެދޭ ހޮސްޕިޓަލަށް ނުވަތަ މަރުކަޒަށް ހުށަހަޅަން ޖެހޭނެ ކަަމަށެވެ.