17 Feb 2019, 15:49
ހދ. ވައިކަރަދޫގެ ކައުންސިލް މެންބަރުންނާ ރައިސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސްއާ ވަނީ ހިއްސާކޮށްފަ އެވެ.
އަދި، މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެގޮތުން، ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކާއި، ކަރަންޓަށް ދިމާވާ މައްސަލަތައް އެ ބޭފުޅުން ވަނީ ފާހަގަކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ކައުންސިލުން އެދިވަޑައިގެންނެވިކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.