ރާއްޖެއަށް އެތެރެކުރަން އުޅުނު ޕާޓީ ޑްރަގުގެ އެމްޑީއޭ (އެކްސްޓަސީ) 71 ގުޅަ (27 ގްރާމް) އާއި 10 އެލްއެސްޑީ 10 ސްޓިކާ މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަންޓަމްސް އިން ބުނީ، މިދިޔަ ހޯމަ ދުވަހު ކުރިއާ މެދުވެރިކޮށް ނެދަލޭންޑްސްގެ މަގު ރާއްޖެ ގެނެސްފައިވާ ތިން ޕާރުސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕާޓީ ޑްރަގްސްތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން އެއް ޕާރުސަލުގައި އެކްސްޓަސީ ގެ 50 ގުޅަ (14 ގްރާމް) އަދި އެލްއެސްޑީ ކަމަށް ޝައްކު ކުރެވޭ 10 ސްޓިކާ ފެނިފައިވާ ކަމަށެވެ. ދެވަނަ ޕާރުސަލްގައި އެކްސްޓަސީގެ 21 ގުޅަ (10 ގްރާމް) ފެނިފައިވާއިރު، ތިން ވަނަ ޕާރުސަލް އިން އެކްސްޓަސީގެ 19 ގްރާމް ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން މިދިޔަ ހޯމަ ދުވަހު އަތުލައިގަނެވުނު ޕާޓީ ޑްރަގްސް -- ފޮޓޯ ކަސްޓަމްސް

މި ތިން ކޭސްގައި އަތުލައިގަނެވުނު އެކްސްޓަސީގެ ޖުމްލަ 43 ގްރާމާއި އެލްއެސްޑީ ކަމަށް ޝައްކު ކުރެވޭ 10 ސްޓިކާސް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިހާރަކަށް އައިސް ނެދަލޭންޑް މަގުން ރާއްޖެއަށް އެތެކުރާ ޕާޓީ ޑުރަގްސް ކަސްޓަމްސް އިން ދަނީ ގިނަ އަދަދަކަށް އަތުލައިގަންނަމުންނެވެ.