ގައުމީ ދިދައަށް ވުރެ އެހެން ދިދައެއް އުސްކޮށް ނުނެގޭ ގޮތަށް ހަމަޖައްސައި، ހޯމް މިނިސްޓްރީން 2017 ވަނަ އަހަރު އެކުލަވާލި "ދިވެހި ޤައުމީ ދިދަ ބޭނުން ކުރުމާގުޅޭ އުސޫލު" ބާތިލުކޮށްފިއެވެ.

މި އުސޫލު ގެޒެޓުކޮށް، އަމަލުކުރަން ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި، 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ، އެ އުސޫލަށް އަމަލުކުރުން ނިމުމަކަށް ގެނެސް، މިއަދުން ފެށިގެން އެ އުސޫލު ބާތިލް ކޮށްފައިވާ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން ރާއްޖޭގެ ގައުމީ ދިދަ ތަންތަނުގައި ނަގާނަމަ ހޯމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށެށްގައި ގައުމީ ދިދައަށް ވުރެ އުސްކޮށް އެހެން ދިދައެއް ނުނެގޭނެ ކަމަށެވެ.

އެއާއެކު އޭރު ބައެއް ރަށްތަކުގައި ގައުމީ ދިދައަށް ވުރެ އުސްކޮށް ނަގާފައިވާ ސިޔާސީ ޕާޓީތަކުގެ ދިދަތައް ފުލުހުން ވަނީ ނަގާފައެވެ.

އެ އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ނުވަތަ އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ މަނާކަމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދިދަ އަކީ، ދިވެހި ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމަނާފައިވާ ދިދަ އެކެވެ.

އެ އުސޫލު ހަދާފައިވަނީ، ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތައި، އެ ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީގޮތް އަދި ބޭނުން ކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމަށް ކަމަށް ހޯމް މިނިސްޓްރީން އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.