މެންޗެސްޓާ ސިޓީ ދޫކޮށް ދިއުމަށް ބޭނުންވެފައިވާ އާޖެންޓީނާ ތަރި ކާލޮސް ޓެވޭޒް އަކީ ގެނެވޭވަރަށް ވުރެ މާ އަގުބޮޑު ކުޅުންތެރިއެއް ކަމަށް އަލް ވަސްލްގެ ކޯޗު އަދި ކުރީގެ އާޖެންޓީނާ ތަރި ޑިއޭގޯ މެރަޑޯނާ ބުނެފިއެވެ.

ދެހާސް ދިހަވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ނުދެވުމުގެ ސަބަބުން ކޯޗުކަމުން ދުރުކުރި މެރަޑޯނާ ދާދިފަހުން ވަނީ ދުބާއީއަށް ނިސްބަތްވާ ކުލަބެއްގެ ކޯޗުކަމާއި ހަވާލުވެފައެވެ. އަލް ވަސްލް އަށް ކުޅުންތެރިން ހޯދުމަށް އެކުލަބުގެ މުއްސަނދި ވެރިން ވަނީ މިހާރު 10 މިލިޔަން ޕައުންޑް ހަރަދު ކޮށްފައެވެ.

މެރަޑޯނާ ކްލަބާއި ހަވާލުވި ފަހުން ފުރަތަމަ ތިން މެޗުން އަލް ވަސްލް ބަލިވި ކަމުގައި ވިޔަސް ދެން ޖެހުނު ދެމެޗު ކާމިޔާބު ކޮށްފައި ވެއެވެ. މިދިޔަ ހޮނިހިރު ދުވަހު ދުބާއީގެ އެތިސަލަތް ކަޕް ގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޓެވޭޒްގެ އެހީއާއެކު އަލް ވަސްލް އަކީ ކާމިޔާބީ ޓީމަކަށް ހެދޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މެރަޑޯނާ މިހާރު ބުނަމުންދަނީ، ޓެވޭޒް އަކީ މާ އަގުބޮޑު ކުޅުންތެރިއެއް ކަމަށެވެ.
"ޓެވޭޒް މާ އަގު ބޮޑީ. އޭނާ ގެނެސްފިނަމަ ކުލަބުގެ ބަޖެޓަށް ބޮޑު އަސެރެއް ކުރާނެ. ކުލަބުގައި މިހާރު ހުރީ ޓެވޭޒް ގެނޭވޭނެ އަގުގެ ފަސް އިންސައްތަ." މެރަޑޯނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ޖަރުމަންވިލާތުގެ ބެޔާން މިއުނިކު އަތުން 2-0 ލަނޑުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ބަލިވި މެޗުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ދެކޮޅު ހެދި ޓެވޭޒް ދެކޮޅު ހެދުމުން ކުލަބުން އޭނާ ދެ ހަފްތާއަށް އޭނާ ސަސްޕެންޑް ކޮށްފިއެވެ. މެންސިޓީ އިން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ޓެވޭޒް ބުނާގޮތުގައި، މި މައްސަލަ އަކީ މެންސިޓީގެ ކޯޗު މަންޗިނީ އަށް އެރި އޮޅުމެއްގެ ސަބަބުން ކުރިމަތިވި މައްސަލައެއް ކަމެވެ.