މީގެ ހަތަރު ދުވަސްކުރިން ސެނަހިޔާ ކައިރިން ކަފިހި ހުރަސްމަތިން ހިނގި އެކްސިޑެންޓްގައި ޒަހަމްވި އަންހެން މީހާގެ ހާލު އަދިވެސް ސީރިޔަސްކަމަށް އޭނާއަށް ފަރުވާދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި އަންހެން މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އަދި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާވެފައި ވަނީ، ކަފިހިހުރަސް މަތިން ދެ މީހަކު ހުރަސް ކުރަނިކޮށް އެތަނުން އެކެއްގެ ގައިގައި ކާރަކުން ޖެހި، އަދި އެ މީހާ ގޮސް ދެވަނަ މީހާގައިގައި ޖެހި، ވެއްޓި ހިނގި ހާދިސާއަކާ ގުޅިގެން ކަމަށެވެ.

ކާރުން ޖެހުނު މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެކްސިޑެންޓް ހިނގުމުގެ ސަބަބުން، އެމީހާ ގައިގައި ޖެހިފައި ވެއްޓުނު މީހާ ހޭނެތި އޭނާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ.

"[ކާރުން ޖެހުނު މީހާ ދެވަނަ މީހާގައި ޖެހި] އޭނާ އަށް އަނިޔާވެފައި ވަނީ ސްޕީޑް ބްރޭކަރުގައި ޖެހިގެން. އޭނާގެ ބޮލަށް ވަނީ ސީރިޔަސް އަނިޠަކެއް ލިބިފައި،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ކަފިހި ހުރަސް މަތީ ހުރަސްކުރާއިރު، ގިނަ ފަހަރު ދުއްވާ އުޅަނދުތައް ހިނގާ މީހުންނަށް ސަމަލުކަމެއް ނުދީ އަދި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ހިނގާ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.