ބޮލްޓަން ވެންޑަރާޒް އަށް ކުޅެމުންދާ އިނގިރޭސި ޑިފެންޑަރު ކަހިލް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޓޮޓެންހަމް ހޮޓްސްޕާއަށް ގެނައުމަށް ލޯބިކުރާ ކަމަށް އެޓީމުގެ ކޯޗު ހެރީ ރެޑްނެޕް ބުނެފިއެވެ.

މިސީޒަން ފެށުމުގެ ކުރިން އައި ޓްރާންސްފާ ޕީރީއަޑުގެ ފަހު ދުވަހުގައި ކަހިލް ގެނައުމަށް ރެޑްނެޕް ކުރި މަސައްކަތް ބޭކާރުވީ ޓޮޓެންހަމް އިން ހުށަހެޅި އަގު ބޮލްޓަން އިން ގަބޫލުނުކޮށް ދޫކޮށްލުމުން ނެވެ. ކަހިލް އާއި ބޮލްޓަން އާއި ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ނިމެން އޮތީ އެއް އަހަރަށް ކުޑަތަން ވެފައެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާ ގައި އާސެނަލް އިން ކަހިލް ހޯދުމަށް ހުށަހަޅާނެ ކަމަށް ބޮލްޓަންގެ ކޯޗު އޮވެން ކޮއިލް ކުރިން ހީކުރި ނަމަވެސް އެއާ ހިލާފަށް ޓޮޓެންހަމް އިން އަލުން މިވަނީ އުމުރުން 25 އަހަރުގެ ކަހިލް ހޯދުމަށް މަސައްކަތް ކުރާނެކަން ހާމަކޮށްފަ އެވެ.
"ކަހިލް ހޯދުމަށް އަހަރެމެން ކުރިން މަސައްކަތް ކޮށް ނާކާމިޔާބުވުމުގެ މާނައަކީ، އަހަރެމެން ދެން އޭނާ ހޯދުމަށް މަސައްކަތް ނުކުރާނެ އެކޭ ނޫން. ޗެއާމަން އާއި ބްލޮޓަން އާއި ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އަހަރެމެން ކަހިލް ގެނައުމަށް ލޯބި ކުރާނަން." ޓޮޓެންހަމްގެ ކޯޗު ރެޑްނެޕް ބުންޏެވެ.

އެސްޓަން ވިލާއިން ކެރިޔަރު ފަށައިގަތް ކަހިލް ވަނީ އެޓީމުގެ ޒުވާން ޓީމަށާއި ސީނިއާ ޓީމަށް ވެސް ކުޅެފައެވެ. ލޯނުގެ ދަށުން ބާންލޭއަށާއި ޝެފީލްޑް ޔުނައިޓެޑަށް ކުޅުމަށްފަހު 2008 ވަނ އަހަރު ބޮލްޓަން އާއި ގުޅުނީ ތިން އަހަރާއި ބައިގެ ކޮންޓްރެކްޓެއްގަ އެވެ.