ސްޕެއިން ގައުމީ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށް ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރައުލް އަލްބިއޮލްގެ ދަތްދޮޅީގެ ކަށިގަނޑަކަށް ގެއްލުން ލިބިފައިވާ ކަމަށް އެކްލަބުން ބުނެފި އެވެ.

އިއްޔެ ސްޕެއިން ގައުމީ ޓީމާއެކު ފަރިތަކުރަމުން ދަނިކޮށް އަލްބިއޮލްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއާއި ގުޅިގެން ސްކޮޓްލެންޑާއި ދެކޮޅަށް ޔޫރޯ ކޮލިފައިންގައި ސްޕެއިން ކުޅޭ ފަހު މެޗުގައި އޭނާ އަށް ބައިވެރިއެއް ނުވެވޭނެ އެވެ.
"އާދީއްތަ ދުވަހުގެ ހެނދުނު ސްޕެއިން ގައުމީ ޓީމާއެކު ފަރިތަކުރަމުން ދަނިކޮށް ރައުލް އަލްބިއޮލް ގެ ދަތްދޮޅިއަށް ވަނީ ގެއްލުމެއް ލިބިފައި. އިތުރު ތަހުލީލުތައް ކުރުމުން އެނގޭ ގޮތުގައި، އަލްބިއޮލް ގެ ދަތްދޮޅިއަށް މާބޮޑު ގެއްލުމެއް ނުލިބުނު ކަމުގައި ވިޔަސް އަންގާރަ ދުވަހު ސްކޮޓްލެންޑާއި ދެކޮޅަށް ސްޕެއިން ކުޅޭ ޔޫރޯ ކޮލިފައިން ގެ މެޗުގައި ބައިވެރިއެއް ނުވެވޭނެ." ރެއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ވެއެވެ.

ޔޫރޯ ކޮލިފައިންގެ ގްރޫޕް އައި އިން ސްޕެއިން ވަނީ ކޮލިފައި ވެފައެވެ. ޕޮލެންޑާއި ޔޫކްރޭނުގައި އަންނަ އަހަރު ބާއްވާ ޔޫރޯ މުބާރާތަށް ސްޕެއިން ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުންދާ ރެކޯޑާއެކު އެވެ. ގައުމީ ޓީމުތަކުގެ މެޗުތަކަށް ފަހު ސްޕެނިޝް ލަލީގާ ފަށާއިރު، އަންނަ ހިނިހިރު ދުވަހު ރެއާލް ބެޓިސް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނާނެ އެވެ.