ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ މީގެ ކުރިން ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތްކުރާ މަންޒިލުތަކުން ޓޫރިސްޓުން އައުން ދަށައް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މިދިޔަ މަހު ރާއްޖެއަށް ޓޫރިސްޓުން އައި ގޮތުގެ ތަފްސީލްތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް ރާއްޖެ އައި 597311 ޓޫރިސްޓުންގެ ތެރެއިން 126561 ޒިޔާރަތް ކުރީ ޗައިނާއިންނެވެ. މިދިޔަ މަހު އެކަނިވެސް ޗައިނާއިން ރާއްޖެ އައި ޓޫރިސްޓުން 22827 އަރާއިރު އެއީ މާކެޓުގެ 21 ޕަސެންޓެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓު އަންނަ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ މީހުންގެ އަދަދުވަނީ މިދިޔަ އަހަރުގެ އަށް މަސްދުވަހާ އަޅާބަލާއިރު ހަތް ޕަސެންޓަށް ތިރިވި، 69876 ޓޫރިސްޓުންނަށް ވެއްޓިފަ އެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިޓަލީން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 60760 ވެއްޓިފަ އެވެ. އެ އަދަދަށް ބަލާނަ އެއީ ފަސް ޕަސެންޓު ދަށްވުމެކެވެ.
~
ޗައިނާގެ މާކެޓު ރާއްޖޭގެ ޓޫރިޒަމް ޑޮމިނޭޓް ކުރަން ފަށާފައިވާއިރު ދިވެހި ޓްރެވަލް އެޖެންޓުގެ ގައުމީ ޖަމްއިއްޔާ، މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު މަލީހު މިއަދު ވިދާޅުވީ 2004 ގައި ކުރިމަތިވި ޝުނާމީއަށް ފަހު ރާއްޖޭއަށް ޗައިނާއިން ޓޫރިސްޓުން އަންނަ އައުން އިތުރުވުމަކީ ޓޫރިޒަމަށް ނުރައްކަލެއް ނޫން ކަމަށެވެ. މަލީހުގެ ނަޒަރުގައި ޗައިނާގެ މާކެޓުން ރާއްޖޭގެ އެޖެންޓުންނަށް ފޯކަސް ކުރެވޭ ދިމާ ނޫނީ ސެގްމަންޓް ރަނގަޅެއް ނޫނީ އެވެ.

"ޗައިނާގެ މާކެޓަށް ރަނގަޅު ސްޓުރެޓެޖީއެއް އެބަ ގާއިމްކުރަންޖެހޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރާއްޖެއަށް ޗައިނާ މާކެޓުން މި ގެނެވެނީ އެންމެ ރަނގަޅު ކްލައެންޓުންނެއް ނޫނޭ. އެއަށްވުރެ މުއްސަންދިންގެ މާކެޓަކަށް އަޅުގަނޑުމެން ދާން މިޖެހެނީ. އެކަން ވާނީ ހުރިހާ އެންމެންނަށް އެއް ގޮތަކަށް އަމަލުކޮށްގެން. މިހާރު އެއް އެޖެންޓް އަނެއް އެޖެންޓަށްވުރެ އަގު ދަށްކޮށްފާނެ. ބައެއް އެޖެންޓުން އެ ބަވިއްކާ ރިސޯޓުން ދޭ ރޭޓަށް އެންމެ ޑޮލަރެއް ލާފައި ރެޔަކަށް. ރާއްޖެ މިހާރު އޮތް އަނގަށް ވުރެ އަގު ހެޔޮކޮށް ލެވެނީ. އެހެންވީމައި މި އަންނަނީ ރާއްޖެ އަންނަ ފެންވަރުގެ ފަތުރުވެރިންނަށް ވުރެ ދަށްފަތުރުވެރިން،" މަލީހު ވިދާޅުވި އެވެ. "އެހެން ވުމުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންގެ ކިބައިން ލިބެންޖެހޭ އާމްދަނީ ނުލިބެނީ. ހަދިޔާ އަށާއި އެކްސްކާޝަންއާ މި ކަންތަކުން. އެ މާކެޓު އެބަޖެހޭ މައްޗަށް ޖައްސާލަން. އެކަން ކުރުމަށް މި އަންނަ އަހަރު ޓުރެވަލް އެޖެންޓުން އެކުވެގެން ބައްދަލުވުމެއް ބާއްވާނަން،"

މީގެ ކުރިން ރާއްޖެއަށް ޔޫރަޕުގެ ގައުމުތަކުން އަންނަ ފަތުރުވެރިން މަދުވުން އެއީ މައްސަލައެއް ކަމުގައި މަލީހު ދެކިލައްވަ އެވެ. ޗައިނާގެ މާކެޓު ދަށަށް ދިޔުމުގެ ނިޝާނެއް ވެސް ފެންނަން ނެތްއިރު ޗައިނާގެ މާކެޓު ހިފެހެއްޓުމަށް ޔޫރަޕުގެ މާކެޓުވެސް ދަމަހައްޓަން ޖެހޭކަމަށް މަލީހު ވިދާޅުވި އެވެ.
"އެއީ އެމީހުން، އޭޝިޔާގެ މީހުންނަކީ ޔޫރަޕު މިސާލަކަށް ބަލާ ބައެއް. ޗައިނާ މީހުންވެސް ބަލާނެ ޔޫރަޕުގެ ފަތުރުވެރިން ދަނީ ކޮންކޮން ތަންތަނަކަށްތޯ. އެގޮތަށް ބަލާފައި އެމީހުން އަންނާނީ. އެހެންވީމައި ޗައިނާ މާކެޓް ހިފަހައްޓަން ޔޫރަޕުގެ މާކެޓުވެސް މުހިންމު. ޔޫރަޕްގެ މީހުންވެސް މިތަނަށް ގެންނަންޖެހޭ. އެއީ ޗައިނާގެ މާކެޓަކީ ރާއްޖޭގެ ޓޫރިޒަމްގެ 50 ޕަސެންޓުކަމަށް މި އޮތް ތިން އަހަރު ތެރޭގައި ވާނެ،" މަލީހު ވިދާޅުވި އެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަށް މަސްދުވަހު ކޮންމެވެސް ވަރަކަށް ވަނީ އުފުލިފަ އެވެ. އެގޮތުން ޖަރުމަނާއި ފުރާންސުން އައި ޓޫރިސްޓުންގެ އަދަދު އިތުރެވެ. އެގޮތުން ޖަރުމަނުން 54973މީހުން އައިރު އެއީ 17 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ފުރާންސުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 14 ޕަސެންޓަށް އިތުރުވެފަ އެވެ. އެ ގައުމުން 40833 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

އެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އަށް މަސްދުވަހުގެތެރޭގައި ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ މިއަހަރު އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދުވަނީ 91132 މީހުން އިތުރުވެ 18 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ.

ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރި ނިސްބަތްވެސް ވަނީ މިދިޔަ އަހަރާ އަލާބަލާއިރު 79.6 ޕަސެންޓަށް އިތުރުވެ އެވްރެޖްކޮށް 72 ޕަސެންޓަށް އަރާފަ އެވެ.