އައްޑޫ ސިޓީ މީދޫ ދާއިރާއަށް ވާދަ ނުކުރާން ޕީޕީއެމް ކޮންގްރެސް ޕާޓީ ކޯލިޝަނުން ނިންމައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މި ނިންމުން ނިންމިކަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ޕީޕީއެމް ޓިކެޓުގައި މީދޫ ދާއިރާ އަށް ވާދަކުރައްވަން ޓިކެޓު ދީފައި ވަނީ ފުވައްމުލަކު ބޭފުޅެއް ކަމަށް ވާ އަހުމަދު އަސްލަމްއަށެވެ.

ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން ބައެއް ދާއިރާތަކަށް ވާދަކުރުމަށް ޓިކެޓު ދިން ފަރާތްތަކުން ޓިކެޓު ނަގަމުންދާކަމަށް ވެސް މުންދު މިއަދު ވިދާޅުވި އެވެ.

މުންދު ވަނީ ކޯލިޝަނުން އިތުރު ޕާޓީއަކާ އެކު މަޝްވަރާ ކުރަމުންދާކަން ވެސް ޔަގީންކޮށް ދެއްވައިފަ އެވެ. އަދި ޕިޕީއެމް އިން ދޫކޮށްލާ ދާއިރާތަކުން، މިހާރު މަޝްވަރާ ކުރެވޭ ޕާޓީއިން ނެރޭ ކެންޑިޑޭޓާށް ތާއީދު ކުރަން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

ޕީޕީއެމް ކޮންގްރެސް ކޯލިޝަނުން މަޝްވަރާ ކުރަމުން ދަނީ ޖޭޕީއާ ކަމަށް ގިނަ ބަޔަކު ބުނި ކަމުގައި ވިޔަސް އަދި މި ދެ ފަރާތުން ވެސް އެކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އައްޑޫ މީދޫ ދާއިރާގެ ޖޭޕީ ޓިކެޓް ލިބިވަޑައިގެންފައިވަނީ ސ. މީދޫ ހަސަންކާރިގޭ މުޙައްމަދު ފަރުހާދުއަށެވެ.