އަހުމަދު އާޒިފް އަދި ހުސައިން ހަސަން

ނުރައްކާތެރި 17 ކުށްވެރިންގެ ތެރޭގައި ހިމެނޭ ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދު ވެރިރަށް މާލެ ތެރޭގައި އުޅެމުން އެބަދެ އެވެ. ކްރިމިނަލް ކޯޓުން ބުނީ މުޖުތަމައުގެ ތެރެއަށް އިހުސާން ދޫކޮށްލާފައި ވަނީ މީގެ ހަތަރު މަސް ކުރިން ކަމަށެވެ.

ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ މިއަހަރުގެ ޖޫން 21ގައި އިހްސާން ކަފާލާތުގެ ދަށުން ކޯޓުން ދޫކޮށްފައިވާ ކަމަށެވެ.

ކަފާލާތުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދު ކުރާ މީހުން ކޯޓުން ދޫކޮށްލަނީ ކޯޓުން ބުނާ ކަންތައްތަކެއްގައި އިގްރާރުވެ، ކުށެއް ނުކުރާނެ ކަމަށް އެއްބަސްވެ، ސޮއިކޮށްގެންނެވެ. އަދި އޭނާގެ ބެލެނިވެރި ފަރާތް ކޯޓްގެ ޝަރީއަތުގައި އެ މީހަކު (ކޯޓުން ދޫކުރި މީހާ) ކުށެއް ނުކުރާނެ ކަމަށް އެއްބަސްވެ އިގްރާރުވާންޖެހެ އެވެ.

އިގްރާރުގައިވާ ގޮތުން ކަފާލާތުގެ ދަށުން ދޫކޮށްފައިވާ ހުންނަ ހުރުމުގައި އެއްވެސް އިތުރު ކުށެއް ނުކުރުމަށާއި އަދި އަންގާ ގަޑިއަކަށް، އަންގާ ތަނަކަށް ހާޒިރު ވުމަށާއި ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ފުރަން ޖެހޭނީ ކޯޓްގެ ހުއްދަ ލިބިގެން ކަމަށް އިގްރާރުވާންޖެ އެވެ. އަދި ކޯޓުން ކަނޑައަޅާ ކަންތަތައް ކަފާލާތުގައި ހުންނަ ހުރުމުގައި އަމަލް ކުރަންޖެހެ އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްފައިވާ މީހާ އިގްރާރާ ހިލާފުވެއްޖެނަމަ ކަފާލާތައް ކޯޓުގައި ބަހައްޓާފައިވާ ފައިސާ "ސަރުކާރަށް" ނެގޭނެ ކަމަށް ކަފާލާތާ ބެހޭ ގަވާއިދުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނާ ގޮތުން ބުރު ގޭންގަށް ނިސްބަތްވާ އިހްސާން މިއަހަރު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 4، ގަ އެވެ. އަދި އިހްސާންގެ ދެ މައްސަލައެއް ފްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި އޭނާ އަށް ފަހަރެއްގެ މަތިން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.