16 Feb 2019, 09:53
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމްއިން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ތާއީދުކުރަން ނިންމިކަން ނޭނގޭކަމަށް ޖޭޕީއިން ބުނެފިއެވެ.
ޖޭޕީގެ ތަރުޖަމާނު އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ ޕީޕީއެމްއިން ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަކީ ޖުމްހޫރީ ޕާޓީއިން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށެވެ.
"އެހެން ޕާޓީތަކަށްވެސް ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމުގެ ފުރުސަތު އެބަ އޮތް." އޭނާ ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ ޕީޕީއެމްއިން ޖޭޕީއަށް ތާއިދުކުރަން ނިންމިކަން ރަސްމީކޮށް ޖޭޕީއަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެ ޕާޓީއަށްވެސް އެނގޭވަރަކީ މީޑިއާއިން އެނގޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ބައެއް މެމްބަރުންނަށް މަޖިލީހުގައި ވާދަކުރަން ދިން ޓިކެޓު އަތުލައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވަން މިހާރު ވަނީ ނިންމަވައިފަ އެވެ.
'ސަން'އަށް އެނގިފައިވާ ގޮތުން ޕީޕީއެމުން ވާދަކުރަން މިހާތަނަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުންގެ ތެރެއިން 25 ދާއިރާއެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ޕީޕީއެމުން ވަނީ ނިންމައިފައެވެ.
"ޓިކެޓެއް ނުވެއް އަތުލާ އެކަމަކު ބުނީ އަމިއްލައަށް ވާދަނުކުރަން ނިންމާށޭ. ކެމްޕެއިންވެސް ހުއްޓާލަން އަންގާފައި އޮތީ. ޕީޕީއެމުން ބޭނުންވަނީ ޕީޕީއެމުން އެ ދާއިރާތަކަށް ވާދަ ނުކުރާ ކަމަށް ނިންމައި ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން." ޕީޕީއެމުން ކެމްޕެއިން ހުއްޓާލަން އެންގި އެހެން ކެންޑިޑޭޓެއް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ރައީސް ޔާމީނާއެކު ކޯލިޝަން ހެދިކަމުގެ ވާހަކަތަކެއް ބައެއް ފަރާތްތަކުން ދަނީ ދައްކަމުންނެވެ. ނަމަވެސް ޖޭޕީއިން ބުނީ އެއްވެސް ކޯލިޝަނެއް ހަދައިފައިނުވާނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން ޕީޕީއެމުން ވަރަށް އަވަހަށް މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އޭރުން ހުރިހާ ތަފްސީލެއް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.