16 Feb 2019, 09:46
އިންޑިއާގެ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ދިވެހި މަސް ދޯނި ވީވަރު، ދޫކޮށްލައިފި އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އެ ދޯނި މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސާދީ ސަރަހައްދަށް ނުވަނުން ކަމަށެވެ.
އަދި އުޅަނދުފަހަރު އަމަލުކުރުމަށް އެދިފައިވާ ރާއްޖޭގެ ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ދޯނީގައި ތިބީ 12 މީހުންނެވެ.
އެ ދޯނި ރޭ އަތުލައިގަތީ ލަކްޝަދީޕްގެ ސުހޭލީ އަތޮޅުން މަސްވެރިކަން ކުރަން ތިއްބަ އެވެ.
ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ މަސްބޯޓުތައް ވެސް ހުއްޓުވާ ކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުން ދިވެހި މަސްބޯޓު ހިފަހައްޓާފައި ވަނީ އެ ގައުމުގެ ސަރަހައްދުގެ ވަރަށް އެތެރެޔަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ރޭ ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި ރާއްޖެ އައުމަށް މިހާރު ވަނީ ދަތުރު ފަށާފައި ކަމަށެވެ.