15 Feb 2019, 20:04
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީއާއި އެ ކޮމިޝަންގެ ބައެއް މެމްބަރުން ބޭރުކުރުމަށް ގޮވާލާ މުޒާހަރާއެއް ކޮށްފިއެވެ.
ބަންޑާރަ ނައިބު އޮފީހުގައި ކުރިން މަސައްކަތް ކުރި ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އިސްވެ ހުންނަވައި، ކޮރަޕްޝަނާ ދެކޮޅަށް މިއަދު ކާނިވާ ސަރަހައްދުން ވަނީ މުޒާހަރާ ފައްޓަވާފައެވެ. މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ހިނގާލުމަށްފަހު، މުޒާހަރާ ނިންމާލީ ޝޯޝަލް ސެންޓަރަށެވެ.
މުޒާހަރާގެ ބައިވެރިން ވަނީ، އޭސީސީ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ކޮރަޕްޝަން ބެލުމުގައި މެމްބަރުންގެ އިހުމާލެއް ވާނަނަމަ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި އޭސީސީގެ މެމްބަރުން ހައްޔަރުކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މުޒާހަރާއާ ގުޅޭގޮތުން މުޒާހަރާ އިންތިޒާމް ކުރި ޝުނާނާ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، ކޮރަޕްޝަންގެ އަމަލުތައް މިހާވަރަށް ފުޅާވެގެން ދިޔައީ އޭސީސީގެ މެމްބަރުން އެމެމްބަރުންގެ މަސްއޫލިއްޔަތު އަދާނުކުރުމުން ކަމަށެވެ.
އަދި އޭސީސީގެ މެމްބަރުންނަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭއިރު، އެކޮމިޝަނުން ނެރޭ ރިޕޯޓެއް ގަބޫލު ނުކުރާ ކަމަށް ޝުނާނާ ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާގައި ޝުނާނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މުޒާހަރާގެ ބައިވެރިން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި މަޖިލިސް މެމްބަރުން ހާމަކޮށް، އެ ފައިސާ ލިބުނު މަޖިލިސް މެމްބަރުން 19 ވަނަ ރައްޔިތުންގެ މަޖިލީހާށް ނުހޮވުމަށްވެސް ގޮވާލާފައެވެ.
އެސީސީ އިން ވަނީ އިއްޔެ، އެމްއެމްޕީއާރުސީ ގެ 1.4 ބިލިޔަންގެ ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޮޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަނީ އެ ކުންފުނީގެ ކޮރަޕްޝަންގެ ފައިސާ ޖަމާވި އެކައުންޓްތަކާއި އެ މީހުން ވަނަވަރު ހާމަކޮށްފަ އެވެ.