ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަން ނޯޓް ކުރަންޖެހޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑީއާރްޕީން ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި މުހައްމަދު ނިމާލު އިއްޔެ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން އަންނަ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ނަން ނޯޓްކުރަން ޖެހޭނެކަމަށެވެ.
"ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމަކީ 1000 މީހުންގެ ޖާގައިގެ ތަނެއް. މިޕާޓީ އުފެއްދުމަށް ހުށައެޅި ފޯމްތަކުގެ އަދަދަކީ 3600 އެހންވެ އަޅުގަނޑުމެން މިބަލަނީ 1000ށްވުރެ ގިނަ މީހުން އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާނެ ކަމަށް. އެހްނަނަމެސް ހޯލްގައި ޖާގަ އޮތްވަރަކުން މީހުންނަށް ފުރުސަތު ލިބޭނީ އެހެންވެ މި ހުޅުވާލީ ނަންނޯޓްކުރާ ގޮތަށް،" ނިމާލް ވިދާޅުވިއެވެ.

ނަންނޯޓް ކުރުން އޮންނާނީ އެ ޕާޓީގެ ޖަގަހައިގެ އިތުރުން ޕާޓީގެ އޮފީހުގައެވެ. އަދި 1000 މީހުންނަށް ވުރެ ގިނަ ވެއްޖެނަމަ، ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ގުރުއަތުން ހޮވޭ 1000 މީހުންނަށް ކަމަށްވެސް ނިމާލު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ރޭގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި، ލޯގޯއާއި، ދިދައާއި، ކުލަ ފާސްކުރުމުގެ އިތުރުން އިންތިގާލީ އިންތިޚާބު ކޮމެޓީ އައްޔަން ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.